ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކުރީން އެފްއޭއެމްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ، ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) އަނެއްކާވެސް އެ އިދާރާގެ ރައީސްކަމަށް ކުރިމަތިލާން ނިންމަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޓޮމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން،" ކަމަށެވެ.

ޓޮމް ވިދާޅުވީ، "ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ކަމަށެވެ. 

މީގެ ކުރީންވެސް އެފްއޭއެމްއާއި ފުޓްބޯޅަ ޢާއިލާ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދި، ރާއްޖޭގެ ފުޓްބޯޅަ ހުއްޓުމަކާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް، ޓޮމް ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ވަޑައިގެން އެތަން ހަމަމަގަށް އަޅުވާން މަސައްކަތްތަކެއް ކުރައްވައިފައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަޙްމަދުގެ ދައުރުގައި އިންތިޚާބު ނުބޭއްވުމާއި، ކޮންގްރެސް ނުބޭއްވުންފަދަ އެތައް މައްސަލަތަކާހެދި، ރާއްޖެ ދުނިޔޭގެ ފުޓްބޯޅައިން ސަސްޕެންޑްކުރާ ހިސާބަށްދިޔަފަހުން، ފީފާގެ އެންގުމާ އެއްގޮަށް ބޭއްވި އިންތިޚާބަށްފަހު އެމްއޭއެމްގެ ރައީސްކަމަށް ޓޮމް ހަމަޖެއްސީ 31 މޭ 2016ގައެވެ. އެފަހަރު އެ މަޤާމަށް ވާދަކުރެއްވީވެސް ޓޮމް އެކަންޏެވެ. ނަމަވެސް، އޭގެ 4 ވަރަކަށް މަސް ފަހުން، އޭރުގެ އެގްޒެކެޓިވް ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އެއްފަހަރާ އިސްތިއުފާ ދިނުމުން، އަނެއްކާވެސް އިންތިޚާބަކަށް ދާންޖެހުނީއެވެ.

ނޮވެމްބަރު 20، 2016ގައި ބޭއްވި އިންތިޚާބުގައި އެފަހަރު، އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުން ޓޮމް ދުރުކުރި، އަދި މިހާރުގެ ރައީސް ބައްސާމް ޢަދީލް ޖަލީލާ ވާދަކޮށްގެންނެވެ. އެފަހަރުގެ އިންތިޚާބު ބައްސާމް ކާމިޔާބު ކުރީ 14 ވޯޓުންނެވެ. ޓޮމްއަށް ލިބުނީ 11 ވޯޓެވެ.

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއާ އެފްއޭއެމްއާ ގުޅުން ކުޑަވެ، ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ހީނަރުވެ، އަދި އެފްއޭއެމް ދަރަމިވެރިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ، އެފްއޭއެމް ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރާން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސޭވް އެފްއޭއެމްގެ ނަމުގައި ހިންގާ ޚަރަކާތަކުން ދަނީ، އެފްއޭއެމްގެ ރައީސް ކަމަށް، ރާއްޖޭގެ ފުޓްބޯޅައި ރަސްގެފާނު އަދި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގު ގެނައުމަށްވެސް ކެމްޕޭނެއް ކުރަމުންނެވެ. ނަމަވެސް އަޝްފާގު އަދި އެފަދަ ޝައުގުވެރިކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.