އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ކުރީން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަޒީފާއިން ރިޓަޔަރކުރައްވަން ނިންމަވާފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ.  

ސީޕީ ހަމީދު، ރިޓަޔަރކުރައްވާން އުޅުއްވާކަން ހާމަކުރައްވާފައި ވަނީ، ފުލުހުންގެ އިސްވެރިން ތިއްބަވާ، ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަނީ އެމަނިކުފާނު ވަޒީފާއިން ރިޓަޔަރކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށާއި، އެކަން ކުރައްވަން ބޮޑަށް ގަސްތުކުރައްވަނީ ނޮވެމްބަރު 11 ގައިކަމަށެވެ. ޑރ. މުޢިއްޒު ހުވާކުރައްވާން ހަމަޖެހިފައި ވަނީ ނޮވެމްބަރު 17ގައެވެ.

ހަމީދު ވިދާޅުވެފައި ވަނީ، އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށްވާތީ ބައެއް ފަރާތްތަކުން އޭނާއާ މެދު ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އޭނާ ފުލުހުންގެ އިދާރާއާ ހަވާލުވި އިރު، އެތަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށާއި، އޭނާ އެތަން އަލުން ބަދަހިކޮށް، ތަރައްގީކުރެއްވީ އަމިއްލަ ވިސްނުން އެއްފަރާތްކޮށްގެން ކަމަށެވެ. 

ފުލުހުންގެ ސިއްރު ލިޔުންތަކެއް ހާމަކުރުމުގެ މައްސަލައިގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައި ކުރީން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް، ޙަމީދު ފުލުހުންގެ ވަޒީފާއިން ވަކުކުރެއްވީ، 2012 ވަނަ އަހަރުގެ އޯގަސްޓް މަހު، ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ވެރިކަމުގައެވެ. ނަމަވެސް، ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، ޙަމީދަށް ވަޒީފާ އަލުން އަނބުރާ ދިނުމަށް ހުކުމް ކުރުމުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، ހަމީދަށް އަލުން ވަޒީފާ ދެއްވައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އޭނާ ޕްރޮމޯޓު ކުރަށްވައިފައެވެ. އަދި 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހީމް ވަނީ، ޙަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަން ކުރަށްވަންދެން އޭނާ ހުންނެވީ އެކްޓިންގ ސީޕީގެ މަގާމުގައެވެ.

ރިޓަޔަމެންޓާ ގުޅޭގޮތުން، ރައީސް އިބްރާހީމުގެ އަނބިކަނބަލުން މެޑަމް ފަޒްނާގެ ކޮއްކޯފުޅުގެ ފިރިކަލުން ސީޕީ ހަމީދު ވިދާޅުވީ، އޭނާ ކޮމިޝަނަރުގެ މަޤާމު ބޭނުންފުޅު ނުވިކަމަށާއި އަދި އެމަގާމަށް ފުލުހުންގެ އެހެން ބޭފުޅަކު އައްޔަންކުރުމަށް ލަފާވެސް ދެއްވި ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހީމް އެގޮތް ގަބޫލުފުޅު ނުކުރެއްވުމުން، ރައީސްގެ އެދިވަޑައިގަތުމުގެ މަތީން ކޮމިޝަނަރުގެ މަޤާމު ޤަބޫލުފުޅުކުރެއްވީ ކަމަށެވެ. 

ނަމަވެސް، ރައީސް އިބްރާހީމް މީގެ ކުރީން ތަކުރާރުކޮށް އެތައް ފަހަރަކު ވަނީ، އެމަނިކުފާނާ ޢާއިލީގޮތުން ގުޅުން އޮތް އެއްވެސް ފަރާތަކަށް ސަރުކާރުގެ އެއްވެސް މަގާމެއް ދެއްވާފައި ނުވާނޭކަމަށް ވިދާޅުފައެވެ. 

ޢުމުރުފުޅުން 17 އަހަރުގައި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ހަމީދު މިހާރު ރިޓަޔާރކުރައްވައިފި ނަމަ، ފުލުހުންގެ އެންމެ މަތީމަގާމުގައި ހުންނަވައިގެން ރިޓަޔަރކުރައްވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނޭ އާރލީ ރިޓަޔަމަންޓުގެ ހުރިހާ ފައިދާއެއް އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އާ ސަރުކާރު ފެށޭއިރު، އޭނާ ރިޓަޔަރ ނުކުރައްވައިފި ނަމަ، އެ ފުރުސަތު އޭނާއަށް ލިބިވަޑައި ނުގަންނަވާނޭކަމަށް ގިނަ ބަޔަކު ބުނެއެވެ.