މިދިޔަ ހޮނިހިރު ދުވަހު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނަގަމުން ދަނިކޮށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ)އަށް ހަމަލާ ދިން މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.

މަވޯޓާ ޝަރީފަށް ހަމަލާދީފައި ވަނީ، އޭނާ މަންހަޓަން ބިޒްނަސް ހޮޓެލްގައި ހުއްޓައެވެ. ޝަރީފަށް ދިން ހަމަލާގައި އޭނާގެ ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައިވެއެވެ. އަދި ލޯކައިރި ވަނީ ކުޑަކޮށް ޒަޚަމްވެފައެވެ.

ފުލުހުން ބުނީ، މަވޯޓާ ޝަރީފަށް ހަމަލާދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެ 4 ފިިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހަކާއި، 24 އަހަރުގެ 3 މީހުންނެވެ.

އެ 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުންގެ ބަންދަށް 60 ދުވަސް ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 24 އަހަރުގެ އަނެއްމީހާ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ޝަރީފުގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށްވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. ނިހާދަށް ހަމަލާދީފައި ވަނީ، އޭނާ ފޭދޫގައި ހުއްޓައެވެ.