ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)އަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލާފައި ވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެކަން ކުށްވެރިކޮށްފިއެވެ.

މެންބަރު ނިހާދަށް ބަޔަކު ހަމަލާދީފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާތީ އޭނާ ސ. ފޭދޫގައި ހުންނަވަނިކޮށެވެ. ފުލުހުން ބުނީ މެންބަރު ނިހާދަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލަ މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަށެވެ. 

މެންބަރު ޝަރީފަށް ބަޔަކު ހަމަލާ ދީފައިވަނީ އޭނާ މަންހަޓަން ބިޒްނަލް ހޮޓެލްގައި ހުއްޓައިކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަވެސް ފުލުހުންދަނީ ތަޙްގީގުކުރަމުންނެވެ.

މި މާރާމާރީ ތަކާ ގުޅިގެން އެޗްއާރުސީއެމުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަށް ހަމަލާދިނުމާއި، މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެ އިދާރާއިން ކަންބޮޑުވާކަމެއް ކަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ.