މާލެތެރެގައި ހަރަކާތްތެރިވާ ޖިނާޢީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ (ގޭންގުތަކުގެ) ޙަރަކާތްތައް މިއަދު އިތުރުވަމުން ދާކަމަކަށް ފުލުހުންނަށް ފާހަގަކުރެވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، "އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާން ޖެހޭ މަސައްކަތް މިދަނީ ކުރަމުން،" ކަމަށެވެ.

އެގޮތުން، ޖިނާޢީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ، ބިރުދެއްކުމާއި މިއަދު އިންތިޚާބާ ގުޅުންހުރި ކަންކަމުގައި ޚަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

"މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަމުން،" ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ވޭތުވެ ދިޔަ 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި މާލެތެރޭގައި ގްރޫޕް ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި މާރާމާރީއެއްގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ދެމެންބަރުން ކަމަށްވާ، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)އަށް އަނިޔާލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެސް ވަނިކޮށެވެ.  

އަދި ހަމަ އެހެންމެ، ރިޔާސީ އިންތިޚާބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ބަލިވެވަޑައިގެންފި ނަމަ،ރައީސް އިބްރާހީމުގެ ކޭމްޕުން މާލޭގެ އެކި ތަންތާނގައި ހުޅުޖަހަން ރާވަމުން ދާކަމަށް ޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.