ރާއްޖޭގެ އެކި ކަންކޮޅުގައި މިއަދު ހިންގަމުންދާ ހަމަނުޖެހުންތަކާއި މާރާމާރީ ތަކުގައި ޕިޕީއެމް ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުންގެ ބައިވެރިވުން އޮތްކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް، ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ އޭޖެންޓް. އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް ވިދާޅުވީ "މިއަދު މާލެ އާއި އެހެނިހެން ބައެއް ރަށްރަށުގަ ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މާރާމާރީތަކުގައި ޕިޕީއެމް ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަ ދޮގުކުރަން. އަދި އެފަދަ އެއްވެސް ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރި ނުވާކަމުގެ ޔަޤީންކަން އަރުވަން،" ކަމަށެވެ. 

 މީގެ އިތުރުން އެފަދަ އެއްވެސް ހަމަނުޖެހުމެއްގައި ޕިޕީއެމް ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުން ބައިވެރިނުވުމަށް "ތަކުރާރުކޮށް މިއަންނަނީ ނަސޭހަތްތެރިވަމުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބީ އެކިއެކި ހަރާކާތަކާ ގުޅުންހުރި ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ކަމަށް ބުނެފައެވެ.