ދިވެހިރާއްޖޭގައި 1704އާއި 1773އާ ދެމެދު ރަސްކަންކުރެއްވި "ދިޔަމިގިލީ ދަރިކޮޅު"ގެ 4 ރަދުންނަށް ނިސްބަތްވާ، ތ. ދިޔަމިގިލީގައި ހުންނަ ގަނޑުވަރު، ބަންދުދުވަސްތައް ނުހިމަނައި 60 ދުވަހުގެ ތެރޭގައި މިއުޒިއަމެއްގެ ގޮތުގައި ތަރއްގީކުރުމަށް ޝާޑު ދި ބިލްޑަރ ކިޔާކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖް އިން ބުނީ، "ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ކޮށްދިނުމަށް މި މަރުކަޒާއި ޝާޑު ދި ބިލްޑަރ އާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ." ކަމަށެވެ.

ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާޘާރުތައް މިއުޒިއަމެއްގެ ގޮތުގައި ފެންނަން ހުންނާނެ ފަދަގޮތަކަށް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މި މަޝްރޫޢު ޝާޑު ދި ބިލްޑަރ އާ ހަވާލުކޮށްފައި ވަނީ 1.6 މިލިއަން ރުފިޔާއަށެވެ. 

ހެރިޓޭޖުން މަޢުލޫމާތި ދޭގޮތުގައި، ދިޔަމިގިލީ ގަނޑުވަރު ހިމެނޭ ސަރަޙައްދު މިއުޒިއަމްއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭން އެތަނުގެ ވަޑާމުގެ މަސައްކަތުގެ ތެރޭގައި ދޮރުތަކުގެ މަސައްކަތްކުރުމާއި ބައެއް ފަރުނީޗަރުގެ ތެރެއިން ފޮޓޯތަކުން ފެންނަ، ނަމަވެސް މިހާރު ނެތް ބައެއް އާސާރީ ތަކެތި އަލުން ހަދައި ޑިސްޕްލޭކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޮމްޕައުންޑް ތެރޭގައި ކެފޭއަކާއި ސްވެނިއަރ ޝޮޕްއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅާ ޖެހެންދެންވެސް ދިޔަމިގިލީ ގަނޑުވަރާއި އަދި ދިޔަމިގިލީ ހުކުރު މިސްކިތް ހުރީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކޮށްލާން ޖެހެއެވެ. ނަމަވެސް، އަތޮޅުވެރީންގެ ބާރު ހިންގި ދުވަސްވަރު، ކޮޅުމަޑުލު ގުރައިދޫއަށް ނިސްބަތްވާ އަތޮޅުވެރިޔަކު އެ އަތޮޅުގައި ވެރިކަންކުރާން ހުންނެވި ދުވަސްވަރެއްގައި، ދިޔަމިގިލީގައި ހުރި ވަރަށް ޒަމާންވީ ތާރީޚީ ހުކުރުމިސްކިތް ވަނީ ތަޅާ ސުންނާފަތިކޮށްލައިފައެވެ. ދިޔަމިގިލީ ހުކުރު މިސްކިތަކީ މާލޭގައި ހުންނަ ހުކުރު މިސްކިތާ ދާދި އެއްގޮތަކަށް ހުރި، ވަރަށް ރީތި އާޘާރީ މިސްކިތެކެވެ. މީގެ އިތުރުން ދިޔަމިގިލީ ގަނޑުވަރަކީވެސް މިދެންނެވި ދުވަސްވަރާ ޖެހެންދެން ވަރަށް ފުރިހަމައަށް ރީތިކޮށް ހުރި އާޘާރީ ތަރިކައެކެވެ. ނަމަވެސް އަތޮޅުވެރީންގެ ނުފޫޒުގައި އެތަނަށްވެސް ގެއްލުންތަކެއްދީ އަޅާނުލައި ވީރާނާވާން އޭރު ދޫކޮށްލީއެވެ.

ދިޔަމިގިލީގެ މިހާރުގެ ރަށު އޮފީސް/ކައުންސިލް ޢީމާރާތް ހެދެންދެން، ރަށުއޮފީހުގެ ގޮތުގައި ބޭނުންކުރީ ގަނޑުވަރު ޢިމާރާތެވެ. އަދި އޭގެ ފަހުން އެ ޢިމާރާތާއި ޢިމާރާތުގެ ގޯތީގެ ތެރޭގައި އަމިއްލަ ފަރާތަކުން ސިއްޙީ ޚިދުމަތްދޭ ކްލިނިކެއްވެސް ހިންގިއެވެ.

ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ 4 ރަސްކަލުންނަކީ

  • ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން "ދިޔަމިގިލީ ބޮޑުބަންޑާރައިން" (1704-1721)
  • ސުލްތާން އިބްރާހީމް އިސްކަންދަރު ދެވަނަ (1721-1750)
  • ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން "ކޮރުބަންޑާރައިން" (1750-1752)
  • ސުލްތާން ޣާޒީ މުހައްމަދު ޣިޔާޘުއްދީން "ހާޖީ ބަންޑާރައިން" ނުވަތަ ޝަހީދުކުޅަ ބަންޑާރައިން" (1767-1773)