ހުޅުމާލޭން މާލެއަށް، ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި، ހައިވޭގެ ހަތަރު ލޭން ހަދާފައިވާ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކަށް އަރައި ގެއްލުންތަކެއް ވެއްޖެއެވެ. 

ފުލުހުން ބުނީ، މި އެކްސިޑެންޓްގެ ޚަބަރު ފުލުހުންނަށް ލިބުނީ، ހެނދުނު 7:10ކަން ހާއިރު، ކަމަށާއި، މި ހާދިސާގައި ޓެކްސީ ދުއްވާން އިން މީހާއަށް އަނިޔާވެފައި ނުވާކަމަށެވެ. އެހެން ނަމަވެސް ޓެކްސީއަށާއި ސޯލާޕެނަލްތަކެއް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މި އެކްސިޑެންޓް ހިނގާން މެދުވެރިވީ، ޓެކްސީ ޑްރައިވަރަށް ކުޑަކޮށް ނިދިޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއެކްސިޑެންޓާ ގުޅިގެން ހަތަރު ސޯލާ ޕެނަލަކަށް ގެއްލުންވެފައިވާ ކަމަށާއި، މިހާދިސާ ހިނގާފައިވަނީ ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ތަނުގައި ފެންސެއް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.