ރާއްޖޭގެ ސިޔާސީ މައިދާނުގައި އަބަދުވެސް އެންމެ ވަރުގަދައަށް ހަމަލާތައް ރައްދުވާ އެއްބަޔަކީ ދީނީ ޢިލްމުވެރީންނެވެ. ދީނީ ޢިލްމުވެރީންގެ އަގުވައްޓާލުމަށް ކެނޑި ނޭޅި މަސައްކަތްތަކެއް ކުރެވެއެވެ. މި މަސައްކަތްތަކުގައި ޚަރަކާތްތެރި ވަނީކީ ހަމައެކަނި ސިޔާސީ ފަރާތްތަކެއް ނޫނެވެ. ސިޔާސީ އިދިކޮޅު ފަރާތްތައް އޮންނަ ފަދައިން، މި ރާއްޖޭގައި ފެނިގެން ދަނީ، "ދީނީ އިދިކޮޅު ފަރާތްތައް"ވެސް ހަރަކާތްތެރި ވާތަނެވެ. އެހެން ކަމުން މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ދީނީ ޢިލްމުވެރީން ވެސް ތިމާގެ އަޚާއަށް ނުވަތަ އުޚްތާއަށް ދިމާކޮށް ފުރައްސާރަކުރުން މިއަދު އާންމުވެއްޖެއެވެ. އޭގެ ނާޖާއިޒު ފައިދާ ނަގަނީ، އިސްލާމް ދީނާ ދުރު، އެހެނިހެން ފިކުރުތައް ޕްރޮމޯޓްކުރާން ބޭނުންވާ ފަރާތްތަކެވެ. ކިތަންމެ ދީންވެރިވެގެން އުޅުނަސް، ކިތަންމެ ޢިލްމުވެރިވިޔަސް، އެބައެއްގެ ތެރޭގައި ނަފްރަތާއި ހަސަދަވެރިކަން އިންތިހާއަށް އުފެދިއްޖެ ނަމަ، އަދާވާތްތެރީންނަށް އެބައެއްގެ މައްޗަށް ކުރިހޯދާން ފަސޭހަވާނެއެވެ. މިކަން އެންމެ ރަނގަޅަށް އެނގޭން ޖެހޭ ބަޔަކީ ދީނީ ޢިލްމުވެރީންނަށް ނޫން ހެއްޔެވެ. ޢިލްމުވެރީން އެންމެ ގިނައިން ޚަރަކާތްތެރިވާ، އަދާލަތު ޕާޓީއާއި، ސަލަފް ޖަމިއްޔާއަށެވެ.

ޢާންމު އުސޫލުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެންމެ ފޯރިގަދަ ވީ ވަގުތު، މިފަހަރުވެސް ސިޔާސީ ފަރާތްތަކުން ބޭނުންކުރާން ފެށި އެންމެ ބަރު ހަތިޔާރަކީ ދީނީ ޢިލްމުވެރީންނެވެ. ދީން ކުރިއަރުވާން ރާއްޖޭގައި އުފެދިފައިވާ ޖަމިއްޔާ ޖަމާޢަތްތަކެވެ. ދީނުގެ މަތިވެރި ޝިޢާރުތައް ހެޔޮގޮތުގައި އުފުލާން ތިއްބެވި ދީނީ ޢިލްމުވެރީންނެވެ. އެހެނަސް އެނގުމެއްގެ ތެރޭގައި ކަމެއް، ނޭނގުމެއްގެ ތެރޭގައި ކަމެއް ނޭނގެއެވެ. ދީނީ ޢިލްމުވެރީން އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމް އަޅުވަނީއެވެ. މިބައިމީހުންގެ ތެރެއަށް "ފިލިޖަހާން" ތިބީ އެއްކަލަ ސިޔާސީ ފަރާތްތަކެވެ. ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި، ބޮޑު ނާކާމިޔާބީއަށް ފަހު، ދެވަނަ ބުރަށް ދާއިރު، އެންމެ ބޮޑު ބަދަލެއް ގެންނާނީ ކެމްޕޭން ސްޓްރެޓެޖީއަށް ކަމަށް އެމްޑީޕީއާއި ސަރުކާރާ ގުޅިފައިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ރަނގަޅު ކުރާން ޖެހޭ ކަންކަން މިހާރު އެނގިއްޖެ ކަމަށާއި ޓީމުތައް ވަރުގަދައަށް ރުކުރުވާލައިފި ކަމަށެވެ. އެއާއެކު، މަޖިލިސް ތެރޭގައި ވެސް ފޯރި ގަދަވެ، އިންތިޚާބުގެ ފުރަތަމަ ބުރުން ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކު އެއްވަނަ ހޯއްދެވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ އަގު ވައްޓާލުމުގެ ފޯރި ގަދަވިއެވެ. އަދި ޑރ. މުޢިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށާއި، އޭނާގެ ވެރިކަމެއް އުފެދިއްޖެ ނަމަ ބާރާއި މަދަދު ލިބިގެން ދާނީ ސަލަފް  ފަދަ، އެބައިމީހުން ހަރުކަށި ފިކުރުގެ ގޮތުގައި ލޭބަލްކުރާ ދީނީ ޢިލްމުވެރީންނަށް ކަމަށް ގޮވޭ އަޑު ގަދަވިއެވެ. ރާއްޖޭގެ މުސްތަގުބަލަކީ އަފްޣާނިސްތާނު ފަދަ ތަންނާ އަޅާކިޔަން ފެށިއެވެ.

ދީނީ ޢިލްމުވެރީންގެ އަގުވައްޓާލައި، ދީނީ ޖަމިއްޔާތައް ބައިބައި ކުރާ މަންޒަރު ބަލާން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްްދުﷲ (މޮސްޓާ)އަށް ކެތެއް ނުވިއެވެ. "ދީނީ ކާޑު"ކުޅެގެން ދީނީ ޢިލްމުވެރީން ބައިބައިކޮށްލާން ދޫކޮށްލައިގެން ހުރުން އޭނާއަށް ކަމަކު ނުދިޔައެވެ. އެންމެ ފަހުން މޮސްޓާގެ ކެތްތެރިކަން ކޮޅުންލީއެވެ. އައިނަށް އެންމެ ދަހިކޮށް މަސްއެރި ވަގުތު މޮސްޓާ ކުރުދޮށި ނެންގެވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ)-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި އޭނާ ވިދާޅުވީ، ސަލަފަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އެއްވެސް މުއައްސަސާއަކުން މިހާތަނަށް ކަނޑައަޅާފައި ނެތްކަމަށެވެ. އެ ޖަމިއްޔާގައި ތިއްބެވީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ދީނީ ޢިލްމުވެރީންކަށް ފާހަގަކުރެއްވިއެވެ. އަދި މުޢިއްޒަށް ވެރިކަން ލިބިވަޑައިގެން، ސަލަފްގެ ދީނީ ޢިލްމުވެރީންނާ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ހަވާލުކުރުމުން ވާނީ ކޮން ގެއްލުމެއްތޯ އޭނާ ސުވާލުކުރެއްވިއެވެ. 

"ކޮބައިތޯ ސަލަފަށް އިސްލާމިކް މިނިސްޓްރީ ދީފިއްޔާ އޭގެންވާ ގެއްލުމަކީ؟ ކިޔަވައިގެން ތިބި ރަނގަޅު ބޭފުޅުން އޭގަ ތިބީ. ޑރ. އަލީ ޒާހިރުމެން ކަހަލަ،" މޮސްޓާ ވިދާޅުވިއެވެ.

 

"މި ގައުމުގައި ތިބޭ ލާދީނީ މީހުންނަށް މަތީ މަގާމުތައް ލިބެންޏާ ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއްގައި އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަގާމެއް ލިބިދާނެތީ މިހާ ބިރުން ކޮން ކަމަކާތޯ މިއުޅެނީ، ރާއްޖޭގައި އިސްލާމްދީން އޮވެދާނެތީތޯ މިމީހުން މިއުޅެނީ،" ޖޯޝާ ފޯރީގައި އޭނާގެ ވަހަކަ ކުރިއަށް ގެންދެވިއެވެ. 

 

"އެމީހުން އަޔަސް ހަމަ މިތާނގައި އޮންނާނީ އިސްލާމްދީން، އެހެން ކަމެއް ނުވާނެ، ބަދަލެއް ނުވާނެ. އާނ! ލާދީނީ މީހުންނަށް ފުރުސަތު ހަނިވެދާނެ މިތަނުގައި. ލާދީނީ މީހުން ދީނަށް ފުރައްސާރަކުރަން، ބޭނުންހާ އެއްޗެއް ކިޔަން އެ ފުރުސަތު ނުލިިބިދާނެތީ އެކަމާ ބިރުގަންނަ ބަޔަކު މިތަނުގައި މިއުޅެނީ،" މޮސްޓާ ވިދާޅުވިއެވެ. 

ސަލަފަކީ ސިޔާސީ ކަންކަމަށް ވަދެގެން އުޅޭ ބައެއް ނޫންކަން ފާހަގަކުރައްވައި، މޮސްޓާ ވިދާޅުވީ، އެހެން މީހުންނަށް އޮންނަ ފަދައިން، ސަލަފްގެ ޢިލްމުވެރީންނަށް ވެސް ވޯޓުލުމާއި ބާރުވެރި މަގާމުތަކުގައި ތިބުމުގެ ހައްގުވެސް އޮންނާން ވާނޭ ކަަމަށެވެ. 

"ވަކި ބަޔަކަށް ނިސްބަތްވާތީ، ވަކި ގޮތަކަށް އުޅޭތީ އެ މަގާމުތަކަށް އާދެވިފަ، ވަކި ގޮތަކަށް ނިސްބަތްވާތީ، ވަކި ގޮތަކަށް ވަކި ހެދުމެއް ލާތީ ނާދެވިފަ، އެ އުސޫލެއް ނޫން މިތަނުގައި އޮންނަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ. 

މޮސްޓާ ވިދާޅުވީ، "އޮރިޔާމުން ތިބޭ މީހުންނަށް" މަގާމުތަކުގައި އުޅެވޭ ކަމަށް ވަންޏާ، "އައުރަ ނިވާކޮށްގެން މޫނު ނިވާކޮށްގެން ތިބޭ މީހުންނަށް ވެސް" އެމީހުން ބޭނުންވާ ރަނގަޅު ވަޒީފާއެއްގައި އުޅުމުގެ ފުރުސަތު އޮންނާން ޖެހޭ ކަމަށެވެ. 

"އޮރިޔާމުން ތިބޭ މީހުން ހަމަ ތަންތަނަށް ދަނީ، ބޭނުން އެއްޗެއް ލައިގެން ބޭނުން ގޮތަކަށް އުޅެނީ. އެއީ މައްސަލައެއް ނޫން. އެކަމަކު މޫނު ބުރުގާ އަޅައިފިއްޔާ ވަރަށް ބޮޑު މައްސަލައެއް. ކަންދަހާރަށް ވާނެ، ކަންދަހާރަށް ވީމަ ކޮބާތަ މައްސަލައަކީ؟ މިތަން ވާންވީ ސަދޫމަށްތަ؟ މިތަން ވާންނީ އެހެން ނޫންނީ ބެންކޮކަށްތަ؟ ހަށިވިއްކާ މީހުންގެ ތަނަކަށްތަ ވާންވީ މިތަން؟ އެ އުސޫލުންތަ މިތަން ހިންގަން ބޭނުންވަނީ؟" މޮސްޓާ ވަރަށް ޖޯޝާއި ފޯރީގައި އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން، އޭނާގެ އިހްސާސްތައް ބަންޑުންކޮށްލިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއްގެ ތެރޭން-- ފޮޓޯ: މަޖިލިސް

 

މޮސްޓާގެ ވާހަކަފުޅުތައް މަޖިލީހުގެ ގިނަ މެންބަރުންވެސް އެއްސެވީ ޝައުގުވެރިކަމާއެކުއެވެ. އަދި އޭނާގެ ވާހަކަފުޅު ނިންމަވާލެއްވިތާ މާކަ ގިނަ އިރެއް ނުވެ މީސްމީޑިއާގައި ދީނީ ޢިލްމުވެރީންނާއި، އެނޫންވެސް އެކިއެކި ފަރާތްތަކުން މޮސްޓާގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރިކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ސަލަފްގެ ދީނީ ޢިލްމުވެރީން ދަނީ، އެފަރާތްތަކުގެ އަޑު މަޖިލީހުގައި މިފަދައިން އުފުލައިދިންކަމަށްޓަކައި މޮސްޓާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުންނެވެ. 

އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާން ޖެހޭ ހަގީގަތަކީ، ސިޔާސީ ފަރާތްތަކުން އެބައިމީހުންގެ އަމިއްލަ ފައިދާއަށް ދީން ވަރަށް ބޮޑަށް ބޭނުންކުރާކަމެވެ. އެހެނަސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސިޔާސީ ކަންކަމުގައި ދީން ބޭނުން ކުރާންވެސް ޖެހޭނެއެވެ. ނަމަވެސް އެއީ ދީނަށް ފުރައްސާރަކުރުމަކަށް ނޫނެވެ. މުޖުތަމައު ފަސާދަކުރާކަށް ނޫނެވެ. ރައްޔިތުންނާއި ދީނީ ޢިލްމުވެރީންގެ މެދުގައި ފިތުނަ އުފެއްދުމަކަށް ވެސް ނޫނެވެ. މިގައުމުގައި ސިޔާސީ ފަރާތްތަކުންވެސް އަދި އެހެން ފަރާތްތަކުން ވެސް ދީން ބޭނުންކުރާންވީ، ސައްތައިން ސައްތަ މި އިސްލާމީ މުޖުތަމައު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބިނާކުރުމަށެވެ. ހަރުދަނާކުރުމަށެވެ. އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގެންދިއުމަށެވެ. ތިމާމެންގެ މައްޗަށްވާ ގައުމީ އަދި ދީނީ ވާޖިބު އަދާކުރުމަށެވެ.