މިއަދު ބޫޓާންގެ ތިމްޕޫ ސިޓީގެ ޗަންގްލިމިތަންގ ސްޓޭޑިއަމްގައި ފަށާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޫޓާނަށް ދިއުމަށް ފުރައިފިއެވެ. 

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިއަދު މެންދުރު ގައުމީ ޓީމު ބޫޓާނަށް ފުރައިފި ކަމަށެވެ. 

ގައުމީ ޓީމު ކުޅުންތެރީންނަށް ބޫޓާނަށް މި ފުރުނީ، ފުރަން މަސައްކަތަކުރާތާ 5 ދުވަސް ފަހުންނެވެ. އެގޮތުން ފުރުމަށް ތައްޔާރުވެގެން ކުޅުންތެރީން ވަނީ ބުރާސްފަތި ދުވަހު ހަވީރު އެއަރޕޯޓަށް ދާން ބަސްޓަރމިނަލަށްވެސް  ގޮސްފައެވެ. ނަމަވެސް ބަސް ޓަރމިނަލަށް ދިޔަ ފަހުން ކުޅުންތެރީންނަށް އަންގާފައި ވަނީ ޓިކެޓް ހަމައަށް ނުލިބުމުގެ ސަބަބުން ފުރޭގޮތް ނުވީ ކަމަށެވެ.

އެންމެ ފުރަތަމަ ޓީމު ފުރާން ހަމަޖެހިފައި އޮތީ، އޯގަސްޓް 28ގައެވެ. ނަމަވެސް އޭގެ ފަހުން 29،އަށް 30އަށް އަދި އެންމެ ފަހުން 31އަށް ހަމަޖައްސައި ބުރާސް ފަތި ދުވަހު ފުރާން އެއަރޕޯޓަށްދާން ބަސްޓަރމިނަލަށް ވެސް ދިޔަފަހުން ފުރޭގޮތް ނުވުމުން ކުޅުންތެރީންނާއި ބެލެނިވެރީންވެސް ވަރަށް ބޮޑަށް މާޔޫސްކަމެއްގެ ތެރޭގައެވެ. 

ގައުމީ ޓީމަށް ބޫޓާނަށް ދެވޭނޭ ކަމަށް ބެލެވެނީ މާދަމާގެ ވަގުތެއްގައެވެ. މުބާރާތުގައި ރާއްޖެކުޅޭ ފުރަތަމަ މެޗު އޮންނާނީ، ހޯމަ ދުވަހު މެންދުރުފަހު 3:00ގައެވެ. މި މެޗުގައި ރާއްޖެ ވާދަކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ. 

ސެޕްޓެމްބަރު މަހު 1-10 އަށް އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ ބޫޓާނާ އެކު ގުރޫޕް ބީގައެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްއެވެ.