ސެޕްޓެމްބަރ 1ވަނަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީގެ ޗަންގްލިމިތަންގ ސްޓޭޑިއަމްގައި ފަށާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މިއަދުވެސް ފުރޭގޮތެއް ނުވިއެވެ.

ޓީމުގެ ކުޅުންތެރީން ވަނީ، މިއަދު މެންދުރުފަހު ބޫޓާނަށް ފުރަން އެއަރޕޯޓަށް ދާން ބަސްޓަރމިނަލަށްވެސް  ގޮސްފައެވެ. ނަމަވެސް ބަސް ޓަރމިނަލަށް ދިޔަ ފަހުން ކުޅުންތެރީންނަށް އަންގާފައި ވަނީ މިއަދު ފުރޭގޮތް ނުވީ ކަމަށެވެ.

މިކަމާ ގުޅޭގޮތުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަސްލުނިއުސް"އަށް ވިދާޅުވީ، "ޓީމަށް ފުރޭގޮތް ނުވީ ސީޓް ނުލިބުމުގެ ސަބަބުން،" ކަމަށެވެ.

އޭނާ ވިދާޅުވީ، ބޫޓާނަކީ ރާއްޖޭން ޑައިރެކްޓްކޮށް ފްލައިޓް ބާއްވާ ތަނަކަށް ނުވާތީ، އެއަރލައިންތަކާ ގުޅައިގެން ވަރަށް ދުރާލައި ހުރިހާ ކުދީންނަށް އެކުގައި ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސޭތޯ އެފްއޭއެމުން ބަލަމުން އައި ކަމަށެވެ.

"މިއަދުވެސް ފުރާން ތައްޔާރުވަނިކޮށް އެއަރ ލައިނުން އެންގީ ހުރިހާ ކުދީންނަށް ދަތުރު ކުރެވޭ ވަރަށް ސީޓް ލިބޭން ނެތްކަމަށް،" ޖަވާ ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗް އޮންނާނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ. ބޫޓާނަށް ކުރާ ދަތުރަކީ މަދުވެގެން 2 ދުވަހުގެ ދަތުރަކަށް ވާނެއެވެ. މިދުވަސްވަރު ބޫޓާނުގެ ފިނިހޫނުމިން އުޅެނީ 12 ޑިގްރީ ސެލްސިއަސްއާއި 24 ޑިގްރީއާ ދެމެދުގައެވެ. މިއީވެސް ކުދީންނަށް ވަރަށް ބޮޑު މައްސަލައަކަށް ވާނޭ ކަމެކެވެ.

މިއަދު ނުފުރުނު ނަމަވެސް، މާދަމާ މެންދުރު ފުރޭނޭކަމުގެ އުންމީދެއް އެބަ އޮތްކަމަށް ޖަވާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާގެ ވިސްތާރާ އެއަރލައިނުން، މުމްބާއީ މަގުން ބޫޓާނަށް ދިއުމަށް މިހާރުވެސް އެ އެއަރލައިނާ މަޝްވަރާކޮށް، ސީޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބޮމްބޭ މަގުން މާދަމާ މެންދުރު ފުރޭނޭކަމަށް މިބަލަނީ އިންޝާﷲ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ، އެއަރލައިނަށް ދައްކާންޖެހޭ ހުރިހާ ފައިސާއެއްވެސް ދައްކާ ނިންމާފައި. މައްސަލައަކީ ސީޓް ލިބުމުގެ ދަތިކަން،"

ބޫޓާނަށް ދަތުރުކުރާ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓިކެޓް ޚަރަދަށް ގާތްގަނޑަކަށް 863,520 ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. ބޫޓާނަށް ދެކޮޅު ޓިކެޓް އުޅެނީ، 2000 އެމެރިކާ ޑޮލަރަށެވެ.

16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބޫޓާނަށް ފުރަން ގޮސް ބަސް ޓަރމިނަލްގައި: އަސްލު ފޮޓޯ: ކުޅުންތެރިއެއްގެ ބެލެނިވެރިއެއް

 

މުބާރާތް ފަށާއިރު، ބޫޓާނަށް ނުދެވުމުގެ ސަބަބުން 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރީންގެ ބައެއް ބެލެނިވެރީން ވަނީ، "އަސްލުނިއުސް"އަށް އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އެފަރާތްތަކުން ބުނީ، މުބާރާތް ފެށޭއިރުވެސް ތިބޭން މިޖެހެނީ ވާނުވާގައި ކަމަށާއި، އެންމެ ފުރަތަމަ ފުރާން ހަމަޖެހިފައި އޮތީ، އޯގަސްޓް 28ގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން 29،އަށް 30އަށް އަދި އެންމެ ފަހުން 31އަށް ހަމަޖައްސައި މިއަދު ފުރާން އެއަރޕޯޓަށްދާން ބަސްޓަރމިނަލަށް ވެސް ދިޔަފަހުން ފުރޭގޮތް ނުވުމުން ކުޅުންތެރީންނާއި ބެލެނިވެރީންވެސް ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

އެފްއޭއެމުން ބުނީ، ރާއްޖެ ފިޔަވައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުން ބޫޓާނަށް ފަސޭހަކަމާއެކު އެއްގަމު މަގުންވެސް ދަތުރުކުރެވޭ ކަމަށާއި ނަމަވެސް ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ނުބާއްވާ ތަނެއްކަމުން، ސީޓް ހޯދުމުގައި ދަތިތަކެއް ހުރީ ކަމަށެވެ.

"ކުޑަކުދީންތަކެއްވީމަ، ގްރޫޕް ގްރޫޕަށް ވަކި ފްލައިޓްތަކެއްގައިވެސް ނުފޮނުވޭނެ. އޮފިޝަލުންނާއެކު ޖުމްލަ 28 ޖާގަ ބޭނުންވާނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވިއެވެ.

ބޫޓާންގެ ތިމްޕޫ ސިޓީގެ ޗަންގްލިމިތަންގް ސްޓޭޑިއަމްގައި އަންނަ ސެޕްޓެމްބަރު މަހު 1-10 އަށް އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ ބޫޓާނާ އެކު ގުރޫޕް ބީގައެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްއެވެ.