އުދަ އަރާނޭ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު 3:00އިން ފެށިގެން ޒަރުރީ ދަތުރުތައް މެނުވީ ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުން ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، " މި ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ!" ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، "ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދެއްވާ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރައްވާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރައްވާ!"ށޭވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އާންމުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން އެހީތެރިވެދީ، ޓްރެފިކް ޑައިވަރޓް ކުރަންޖެހިއްޖެ ނަމަ އެކަން ކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނޭ ކަމަށެވެ.

މާލެ ސަރަހައްދަށް ހޮނިހިރު ދުވަހު ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، މާލެއާ-ހުޅުމާލެއާ ދެމެދުގައި އޮންނަ ހައިވޭއަށް އެރި ބިޔަ ރާޅެއްގައި ހައިވޭ މަތިން ދަތުރުކޮށްފައި ދިޔަ ބައެއް މީހުންނާއި ވެހިކަލްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގެ ހުޅުމާލެކޮޅުން ގުޅޭ ސަރަހައްދަށް އެރި ބިޔަ ރާޅާއެކު އެވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލްތަކުގައި ތިބި މީހުންތަކާއެކު ސައިކަލްތައް ވެސް އޮޔާއެކު ދަމައިގަތްއިރު، އޭގެ ތެރޭން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.