ޤަވާއިދުން އަހަރީ ރިޕޯޓް ހުށަނާޅާ، އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީ ނުކުރާ ޖަމިއްޔާތައް ހިމެނޭގޮތަށް 1989 ޖަމިއްޔާއެއް އުވާލަން ނިންމައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރި އިއުލާނުގައި މިހާރުވެސް ޤަވާއިދުން ހިނގަމުންދާ ފަރާތްތައް ހިމެނޭތީ އެ އިއުލާނު ރަނގަޅުކުރާން ވަޒީރު އަޙްމަދު މަޙްލޫފު އަންގަވައިފިއެވެ.

މަހްލޫފް ކުރެއްވި "އެކްސް"އެއްގައި ވިދާޅުވީ، " ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އަޅުގަނޑަށްވެސް ފެނުނީ ނޫސްތަކުން." ކަމަށެވެ.

އޭނާ ވިދާޅުވީ، "އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ." ކަމަށެވެ.

އެހެންކަމުން "މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ އަޅުގަނޑަށް ލިބިފަ." ކަމަށާއި " މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ."ވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން އުވާލަން ނިންމާފައިވާ ޖަމިއްޔާ ޖަމާއަތްތަކަކީ، އެ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޖެހިޖެހިގެން 2 އަހަރު ހިންގާ ގަވާއިދާ އެއްގޮތަށް އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ، ނުވަތަ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާ ޖަމާއަތްތަކެވެ.

ކުރީންވެސް ފުރުސަތު ދީފައިވާކަން ފާހަގަކުރަމުން ޔޫތު މިނިސްޓްރީން ބުނީ، މިހާރު އުވާލަން ނިންމާފައިވާ 1989 ޖަމިއްޔާ ޖަމާއަތަށް އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް، އިތުރު ފުރުސަތެއްދީފައި ވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލިޔެކިޔުން ފުރިހަމަ ނުކޮށްފި ނަމަ އެފަރާތްތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރާނޭ ކަމަށްވެސް އިއުލާނުގައިވެއެވެ.