އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ.

ހިތަދޫގައި އަޅާ މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ.

އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް އައްޑޫސިޓީގެ ހިތަދޫގައި މިނިވަންދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދީނީ ކަންކަމަށް ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ޤުރުއާން މުބާރާތްތަކާއި އިޙްޔާ ފޯރަމްތަކާއި ދީނީ ނަޞޭޙަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި އަދި ޚާއްޞަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.