މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމް ޓްވިޓަރގެ ނަން "X"، "އެކްސް"އަށް ބަދަލުކޮށް އެ ކުންފުނި ރީބްރޭންޑް ކޮށްފިއެވެ.

އެމެރިކާގެ މަހުޖަނު އީލަން މަސްކު ވަނީ އޭނާގެ މި ކުއްލި ޕްލޭން، އާދީއްތަ ދުވަހު އިއުލާނުކޮށްފައެވެ. އަދި ހޯމަ ދުވަހު އޭނާވަނީ، މިހާރު ޓްވިޓަރގެ ނަން އެކްސްއަށް ބަދަލުކޮށް، ޓްވިޓަރ.ކޮމް ވެސް އެކްސް.ކޮމް އަށް ބަދަލުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

މިބަދަލާއެކު އޭނާ ވަނީ، ޓްވިޓަރގެ ވަގުތީ ލޯގޯ "X" "އެކްސް" މިހާރު ލައިވްކޮށް ފެންނާނޭ ކަމަށްލިޔެފައެވެ. އަދި ޓްވިޓަރ ކުންފުނީގެ މައި އޮފީސްވެސް ވަނީ "އެކްސް" ލޯގޯއިން ދިއްލާލައިފައެވެ. މިހާރު ޓްވިޓަރގެ ޒަމާންވީ ނޫކުލައިގެ ދޫނީގެ ބަދަލުގައި ފެންނާނީ ކަޅާ ހުދުގެ އިނގިރޭސި އަކުރުގެ "X"އެވެ.

 

މަސްކު ޓްވިޓަރ ގަތީ 44 ބިލިއަން ޑޮލަރަށެވެ. އޭގެ ފަހުން އޭނާ ވަނީ ޓްވިޓަރއަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޕޮލިސީތައް ބަދަލުކޮށް، ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަކިކުރިއެވެ. އަދި މިފަހަކަށް އައިސް، ކުންފުނީގެ އާމްދަނީ ދަށަށްދާކަން ފާހަގަކޮށް، މީގެ ދުވަސްކޮޅެއް ކުރީން އޭނާ ވަނީ، ތަފާތު އެކްޓިވިސްޓް ގްރޫޕްތަކާ އެޑްވަޓައިޒިން ކުރާ ފަރާތްތަކުން ނަހަމަގޮތުގައި ޓްވިޓަރ ބޭނުންކޮށް، އަދި ޕްރެޝަރ ކުރަމުންދާތީ ބަދަލުތައް ގެންނާން މަޖުބޫރުވީ ކަމަށެވެ. ކޮންޓެންޓް މޮޑަރޭޓް ކުރުމުގައި މާބޮޑު ބަދަލުތަކެއް ނުގެނަޔަސް، ޓްވިޓާރގެ އެހެން ފީޗާތައް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ.

އަދި ކުރިއަށް އޮތްތާނގައި ޓްވިޓަރއަކީ އަންލިމިޓެޑް އޯޑިއޯ، ވީޑިއޯ، މެސެޖިންގ، ޕޭމަންޓްސް އަދި ބޭންކިން ފަދަ  ޚިދުމަތްތައް ލިބޭ ގޮތަށް، ގްލޯބަލް މާކެޓިންގ ފޯމަކަށް ވެގެންދާނޭކަމަށް އެކުންފުނީގެ އާ ސީއީއޯ ލިންޑާ ޔަކަރިނޯ ވަނީ ޔަގީންކަން ދީފައެވެ.