ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރ ޓްރެވަލް ސަރވިސް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ޑުބާއީ ނޭޝަނަލް އެއަރ ޓްރެވަލް އޭޖެންސީގެ ބައެއް ކަމަށްވާ ޓްރެވަލް ބޭގްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގުޅިގެން އިނގިރޭސި ވިލާތުގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

އެއެމްޕީއާރސީން ބުނެފައިވާ ގޮތުގައި މޭ 2023ން އޭޕްރީލް 2024ގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތުގައި މީސްމީޑިއާއާއި ޕްރިންޓް މީޑިއާގެ އެހީގައި ގާތްގަނޑަކަށް 2.4 މިލިއަން މީހުންނަށް ރާއްޖެ އިސްތިހާރުކުރެވޭނެއެވެ.

ޓްރެވަލްބޭގްއަކީ 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ލިބިފައިވާ، ހުރިހާ ފަންތިއެއްގެ ފަތުރުވެރީންނަށް ވެސް ޚިދުމަތްފޯރުކޮށްދޭ މަގުބޫލު ޓްރެވަލް އޭޖެންސީއެކެވެ. ރާއްޖެއަށް އައި ފަތުރުވެރީންގެ ތެރޭން، 2022 ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރީން ބުކިން ހަދާފައިވަނީ ޓްރެވަލްބޭގް މެދުވެރިކޮށެވެ.

އެމްއެމްޕީއާރުސީން ބުނީ، ޓްރެވަލްބޭގާއެކު ކުރިއަށް ގެންދާ މި ހަރާކާތްތަކުގެ އެންމެ ބޮޑު މަގުސަދަކީ، އިނގިރޭސިވިލާތުގެ ފަތުރުވެރީން މަންޒިލުތައް އިޚްތިޔާރުކުރުމުގައި އެހެން މަންޒިލްތައް އިޚްތިޔާރުކުރުމުގެ ބަދަލުގައި އެންމެ ރާއްޖެއަށް ޝައުގުވެރިކަން އުފެއްދުމެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މާކެޓުން ރާއްޖެއައި ފްތުރުވެރީންގެ އަދަދަކީ 179،309 އެވެ. މިއަހަރުގެ މިހާތަނަށް އިނިގިރޭސިވިލާތުން ރާއްޖެއައި ފަތުރުވެރީންގެ އަދަދަކީ 86،731 އެވެ. އެގޮތުން އިނގިރޭސިވިލާތަކީ މިއަހަރު މިހާތަނަށް 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރީން ރާއްޖެއައި ގައުމެވެ.