ހުކުރު ދުވަހު ހަވީރު، ޕީޕީއެމް އޮފީސް ސަރަހައްދުގައި މުޒާހަރާއެއް ކުރިއަށް ދިޔަވަގުތު އެތަނުގައި ހުރި މީހަކު ހައްޔަރުކުރީ ފޮޓޯނެގި މައްސަލައިގައި ނޫންކަމަށާއި އެމީހާ ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހު ހަވީރު، މާލެސިޓީގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި، ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ހިނގަމުން ދިޔަވަގުތު، އެތަނުގައި ދަރިފުޅާއެކު ސައިކަލެއްގައި މަޑުކޮށްލައިގެން ހުރި މެދުއުމުރުގެ ފިރިހެނަކު ފުލުހުންގެ ފޮޓޯއެއް ނެގިކަމަށް ބުނެ، ވަރަށް އަނިޔާވެރިގޮތަކަށް ހައްޔަރުކޮށްގެން ގެންދިޔަކަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ވީޑިއޯއާ ގުޅޭގޮތުން އަސްލުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.

"އެމީހާ މިއަދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ، ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި، ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި މައްސަލައާ ގުޅިގެން. އަދި އެއިރު އޭނާ ކައިރީ ކުޑަކުއްޖަކު ފެންނާން ނެތްކަން ފާހަގަކޮށްލަން،" އެމީހާ މިވަގުތު ހުރީ ފުލުހުންގެ ބަލުމުގެ ދަށުގައިކަން ފާހަގަކުރަމުން ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އެއްލީ ކޯއްޗެއްތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން އޮފިޝަލް ވިދާޅުވީ، "އެއްލީ ބޮނޑިކޮށްލާފައި އޮތް ކަރުދާސްގަނޑެއް" ކަމަށެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްގެން ވެހިކަލަށް އަރުވަން ދިޔަ މަންޒަރު ފެންނަ ވީޑިއޯގައި އޭނާއާ ދިމާއަށް އެތަނުން ފުލުހަކު "ރީތިކޮށް އަރާ... ކަލޭ ކީއްކުރާން އަހަރެމެންނާ ގެޅެނީ. ކީއްކުރާން އަހަރެމެންނާ ގެޅެނީ..." ބުނެ ސުވާލުކުރާ އަޑުއިވެއެވެ.