ހުކުރު ދުވަހު ހަވީރު، މާލެސިޓީގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި، ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ހިނގަމުން ދިޔަވަގުތު، އެތަނުގައި ދަރިފުޅާއެކު ސައިކަލެއްގައި މަޑުކޮށްލައިގެން ހުރި މެދުއުމުރުގެ ފިރިހެނަކު ވަރަށް އަނިޔާވެރިގޮތަކަށް ފުލުހުން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯ ޓްވިޓަރގައި ހިއްސާކުރައްވަމުން، މަހިބަދޫ ދާއިރާގެ މަޖްލިސް މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވީ، "ފުލުހުންގެ ފޮޓޯއެއް ނެގުމަކީ އެއީ ފުލުހުންނާއި ގެޅެނީކަމަށްބުނެ، ވަރަށް އަނިޔާވެރިކޮށް ކުޑަފިރިހެން ދަރިފުޅު ކުރިމަތީގައި ހައްޔަރުކޮށް އަނިޔާކުރުން ކަމާބެހޭ މުއައްސަސާތަކުން ބަލަންޖެހޭ" ކަމަށެވެ.

މަންޒަރު ދުށް މީހަކު އަސްލަށް ބުނީ، އެމީހާ އެވަގުތު ހުރީ އެ ސަރަހައްދުގައި ހުންނަ ޗައިނާ އެމްބަސީ އާ ދިމާލުގައި ސައިކަލް މަޑުކޮށްލައިގެން އެވަގުތު ހިނގަމުންދިޔަ މުޒާހަރާ އޭނާގެ ފޯނުން ފޮޓޯނަގަން ކަމަށެވެ. އެހެން ހުއްޓާ، ފުލުހުން އައިސް ކުއްލިއަކަށް އޭނާއާ ދިމާއަށް ވަރަށް ހަޑިހުތުރުބަހުން މުއާމަލާތްކޮށް، ކުޑަދަރިފުޅުގެ ކަރާމާތަށްވެސް ބެލުމެއް ނެތި ހައްޔަރުކުރީ ކަމަށެވެ.

މިކަމާ ގުޅިގެން އަސްލު ނިއުސްއިން ފުލުހުންނާ ސުވާލުކުރުމުން ފުލުހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ހައްޔަރުކުރީ، ސައިކަލްމަތީގައި ހުއްޓައި ނޫންކަމަށާއި، އަދި ފޮޓޯނަގައިގެންވެސް ނޫންކަމަށެވެ.

"އެމީހާ މިއަދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ، ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި، ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލި މައްސަލައާ ގުޅިގެން. އަދި އެއިރު އޭނާ ކައިރީ ކުޑަކުއްޖަކު ފެންނާން ނެތްކަން ފާހަގަކޮށްލަން،" އެމީހާ މިވަގުތު ހުރީ ފުލުހުންގެ ބަލުމުގެ ދަށުގައިކަން ފާހަގަކުރަމުން ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. "އެއްލީ ބޮނޑިކޮށްލާފައި އޮތް ކަރުދާސްގަނޑެއް"

ފުލުހުން އެމީހާ ހައްޔަރުކޮށްގެން ވެހިކަލަށް އަރުވަން ދިޔަ މަންޒަރު ފެންނަ ވީޑިއޯގައި އޭނާއާ ދިމާއަށް އެތަނުން ފުލުހަކު "ރީތިކޮށް އަރާ... ކަލޭ ކީއްކުރާން އަހަރެމެންނާ ގެޅެނީ. ކީއްކުރާން އަހަރެމެންނާ ގެޅެނީ..." ބުނެ ސުވާލުކުރާ އަޑުއިވެއެވެ.