ފުލުހުންކުރިއަށް ގެންދާ ތަހުގީގަކާ ގުޅޭގޮތުން، އެކަމުގެ ސައްހަ މައުލޫމާތު ހޯދުމަކާ ނުލައި، އަދި ފުލުހުންގެ ބަހެއް ހޯދާން މަސައްކަތްވެސް ނުކޮށް، ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރިކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސްއިން ތަހުގީގުކުރަމުންދާކަން ހާމަކޮށް ދިވެހި ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި އާންމުންނަށް އޮޅުން އަރާގޮތަށް އޮންލައިން މީޑިއާއަކުން ޚަބަރުތައް ގެނެސްފައިވާ ކަމަށެވެ. އަދި އެ ޚަބަރަކީ ފުލުހުންގެ އިދާރާއިން މައުލޫމާތު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ލިޔެފައިވާ ދޮގު ޚަބަރެއް ކަމަށާއި މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާއިރު، އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް ޚަބަރުތައް ނުފެތުރުމަށް އެދޭކަމަށެވެ.

ބެލެވޭގޮތުގައި ފުލުހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، "ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އަންހެން ފުލުހަކަށް ފޮނުވާފައިވާ ނުރަނގަޅު މެސެޖުތަކެއްގެ ސްކްރީން ޝޮޓުތަކެއް އާންމުވެއްޖެ" ކަމަށް ބުނެ، އޮންލައިން ނޫސް ދިޔަރެސްގައި ޝާޢިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.