އިސްލާމް ދީނުގައި ފިރިހެނުންނަށް ދެ އަނބިން ހުއްދަ ކަމުގައިވިޔަސް، މީހުންނާ އިނދެގެން އުޅޭ ގިނަ ފިރިހެނުން ކައިވެނިން ބޭރުން އެހެން އަންހެނުންނާ ގުޅުން ހިންގަނީ ކޮންމެހެން ދެވަނަ ކައިވެންޏެއް ކުރުމުގެ ބޭނުމުގައެއް ނޫނެވެ.

ތިރީގައި މިވަނީ އެފަދަ ފިރިހެނުންނާ ގުޅިގެން އުޅޭ އަންހެން ކުދިންނަށް ދީފައިވާ އަގުހުރި ނަސޭހަތް ކޮޅެކެވެ.

ކައިވެނި ކޮށްގެން އުޅޭ ފިރިހެނަކާ ރައްޓެހިވާން އެއްބަސް ވާ ވަގުތުން ފަށައިގެން ކަންތައް ވާ ގޮތް އެނގޭހެއްޔެވެ. އެ ހިސާބުން ތިބާގެ އިއްޒަތާ ކަރާމާތާމެދު މީހުން ސުވާލު އުފައްދާނެފަދަ މީހަކަށް ތިބާވެއެވެ.

މި ގޮތަށް ވިސްނާލަމާ ހިނގާށެވެ.

ތިބާ ގާތު ތިބާގެ ލޯބިވެރިޔާ ކަމަށްބުނާ ފިރިހެން މީހާ ހުއްޓާ އެ މީހާގެ އަންހެނުން ގުޅައިފިނަމަ، މިއުޅެނީ އޮފީސް މަސައްކަތެއްގައޭ، މީޓިން އެއްގައޭ ކިޔައި އޭނާގެ އަންހެނުން ކައިރީ ދޮގު ހަދައެވެ. އޭނާގެ އަންހެނުން ރުޅިއަސްދާނެތީ ބިރުންނެވެ. އެކަމަކު ތިބާގެ ލޯބިވެރިޔާ، އޭނާ އިނދެގެން އުޅޭ މީހާއާ އެކު ވަގުތު ހޭދަކުރަމުންދާއިރު ތިބާއަށް ބޭނުން ވަގުތަކު އޭނާއަށް ގުޅުމުގެ ހައްގެއް ނޯވެއެވެ. އެފަދަ ދަނޑިވަޅެއްގައި ގުޅިޔަސް އޭނާ އަންނީ ރުޅި ނޫން ހެއްޔެވެ؟

ވިސްނާލާށެވެ. އޭނާ ބޭނުވާ ކޮންމެ ގަޑިއަކު، އޭނާ އެހެން ކަންތައްތަކުން ފްރީ ވީމާ އޭނާ ތިބާއާ ބައްދަލު ކުރަން އާދެއެވެ. ނުވަތަ ގުޅާ ހަދައެވެ. އެކަމަކު ދުވަހަކުވެސް އޭނާގެ ގެޔަށް ތިބާ ގެންދިޔަ ހެއްޔެވެ. ތިބާގެ ރަހުމަތްތެރިންނާއި ގާތް މީހުންނަށް ތިބާ ވަރަށް ލޯތްބާއެއްކޮށް އޭނާ ތައާރަފް ކުރަމު ނޫންހެއްޔެވެ. އެހެން ހެދުމުން ހަގީގަތުގައި ތިބާއަށް ރަނގަޅު އެހެން ބައިވެރިޔަކު ލިބުމުގެ ފުރުސަތު ހަނިވުން ނޫންކަމެއް ނުވާނެއެވެ. ހަމަގައިމުވެސް އޭނާގެ ރަހުމަތްތެރިންގެ ތެރޭގައި ތިބާ ދަންނާނީ ސްޕެއާ ފުރޮޅެއްގެ ގޮތުގައެވެ.

އޭނާ ތިބާއަށް އަގުބޮޑު ހަދިޔާދީ، ފެންވަރު ރަނގަޅު ރެސްޓޯރަންޓް ނުވަތަ ރިސޯޓުތަކަށް ގެންދަނީ ތިބާ ދެކެ ވާ ލޯބިންހެން ހީ ކުރުމަކީ ކުށް ހީއެކެވެ. އެ ގޮތަށް ކަންތައް ކުރަނީ ތިބާގެ ހިތް ހަމަ ޖައަސައިގެން ތިބާގެ ހަށިގަނޑުން އޭނާ ބޭނުންވާ ކަންތައްތައް ފުއްދުމަށެވެ.

ތިބާ އޭނާއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނީމާ އަދި ރެޑީއެއް ނުވެއޭ ކިޔައި ކޮންމެސް ބަހަނާއެއް ދައްކާނެއެވެ. ބައެއް ފަހަރު އަތްމަތި ދަތި ވާހަކައެވެ. އަނެއްބައި ފަހަރު އުޅޭނެ ތަނެއްގެ މައްސަލައެވެ. އެހެން ނަމަވެސް އޭނާގެ އަންހެނުން ގަނޑުވަރެއްފަދަ ގެއެއްގައި ބަހައްޓައިގެން ދަރިން ހޯދާ، އާއިލާ ބޮޑު ކުރެވޭތޯ އޭނާ ބަލާނެއެވެ.

ތިބާގެ ފޯނުގައި އޭނާގެ ފޮޓޯ ސޭވްކޮށްފައި ހުރެއެވެ. އޭނާގެ ނަންބަރު ތިބާ "ސުއީޓް ހާޓް" ފަދަ ނަން ނަމުން ސޭވްކޮށްފައި ހުންނަ އިރު، ތިބާ އެންމެ ލޯބިވާ މީހާގެ ފޯނުގައި ތިބާގެ ނަންބަރު ސޭވްކޮށްފައި އޮންނަނީ ކޮންމެސް މެކޭނިކެއް ނުވަތަ ބަންގާޅިއެއް ނުވަތަ "ޚަލީލް"ފަދަ ފިރިހެނެއްގެ ނަމެއްގައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟

އެފަދަ ގުޅުމެއްގައި ތިބާ ބަނދެވިފައިވާނަމް ވިސްނާލާށެވެ. އެކަމުން ސަލާމަތްވާން މަސައްކަތް ކުރާށެވެ. ތިބާގެ އަމިއްލަ ނަފްސުގެ އަގު ހިފަހައްޓާ، ތި އީ ވެސް އިހްތިރާމާ ގަދަރު ލިބިގެންވާ މީހެއްކަމުގައި ހަދާށެވެ. ތިބާގެ އަމިއްލަ ނަފްސަށް ތިބާ ނުދިން އިހްތިރާމެއް ވަކި އެހެން މީހެއްގެ ފަރާތުން ލިބިދާނެ ކަމަށް ހީ ނުކުރާށޭވެ.