"ހާސްކަނޑައިލާ، ހަމަޖެހޭނެ"! ކަމަށް ބުނަމުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވައިފިއެވެ. 

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު 2018ގެ އިންތިޚާބުގައި ކޯލިޝަނެއް ހެދި ނަމަވެސް، ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަނީ އަމިއްލައަށް ވާދަކުރާން ނިންމައިފައެވެ. އެގޮތުން، މާލޭ ކާނިވާ ސަރަހައްދުގައި އެޕާޓީގެ ލީޑަރަށް ރިޔާސީ ޓިކެޓް ހަވާލުކުރާން ބޭއްވި ޖަލްސާގައި ގާސިމަށް ޓިކެޓް އެރުވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފެވެ. 

ޖުމްހޫރީ ޕާޓީން ކާނިވާ ސަރަހައްދު ފުރާލައި ގޮނޑި ޖެހި ޖަލްސާއަށް ގިނަބަޔަކު ހާޒިރު ނުވެ ހުސްގޮނޑިތައް ގިނަވުމުން ފަހުން ގޮނޑިތައް ނެގި މަންޒަރު ފެނުނެވެ. 

ޖޭޕީން މި ޖަލްސާގައި ވަނީ، ގާސިމަށް ޓިކެޓް އެރުވުމުގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ބޭނުންކުރާނޭ ލަވައަކާއި، ލޯގޯ އަދި ޚާއްސަ ޝިއާރު ""ހާސްކަނޑައިލާ، ހަމަޖެހޭނެ" ވެސް އިފްތިތާހުކޮށްފައެވެ.