އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާ އާއި އެވަޓަންގައި ވިދާލި ނެދަލޭންޑްސް ފުޓުބޯޅަ ކުޅުންތެރިޔާ އަންވަރު އެލް ޣާޒީ، ފަލަސްތީނަށް ތާޢީދުކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާގެ ކުރީގެ ކްލަބް، ޖަރުމަނުގެ މޭންޒް05އިން ކަނޑާލި މައްސަލައިގައި ބަދަލުގެ ގޮތުގައި އޭނާއަށް އެ ކްލަބުން ދިނުމަށް ޖަރުމަނުގެ ލޭބަރ ކޯޓުން އަމުރުކުރި ފައިސާއިން 500،000 ޔޫރޯ (ގާތްގަނޑަކަށް 8.6 މިލިއަން ދިވެހި ރުފިޔާ) ޣައްޒާގެ ކުޑަކުދީންނަށް ހަދިޔާކުރާން ނިންމައިފިއެވެ. 

މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ޣާޒީއަށް މޮރޮކޯގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯގެ އިރުޝާދުގެ ދަށުން އޭނާ އޭރު އިޚްތިޔާރުކުރީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުމަށެވެ. 

ޚިޔާލުތަފާތުވި ޕޯސްޓު:

  • މިހާރު އިނގިރޭސި ކްލަބް ކާޑިފް ސިޓީއަށް ކުޅެމުން އަންނަ ޢުމުރުން 29 އަހަރުގެ ޣާޒީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަސްޕެންޑުކޮށް، އެންމެ ފަހުން، ޖަރުމަނުގެ ކްލަބުން ވަކިކުރީ، އޭނާ ފަލަސްތީނަށް ތާޢީދުކޮށް އޮކްޓޫބަރު 2023ގައި އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި "ފްރޮމް ރިވަރ ޓު ދަ ސީ، ޕަލެސްޓިން ވިލްބީ ފްރީ" މި ޖުމުލަ ލިޔެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ކޯޓުގެ ޙުކުމް ޣާޒީއާ އެއްކޮޅަށް: 

  • ޖަރުމަނުގެ ލޭބަރ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމުގައި ބުނެފައި ވަނީ މެއިންޒުން، އެލް ގާޒީއަށް އުޖޫރައިގެ ގޮތުގައި ދޭންޖެހޭ 1.5 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 25.8 މިލިއަން ދިވެހި ރުފިޔާ) ދައްކަން ޖެހޭ ކަމަށެވެ. ކޯޓުން މި ގޮތަށް ހުކުމް ކޮށްފައި މިވަނީ، އެލް ގާޒީ ދެއްކި ވާހަކަތައް އަނބުރާ ގެންދިއުމަށް ކްލަބުން އޭނާއަށް ކުރިމަތިކުރި ޕްރެޝަރުގައި ވެސް އެކަމަށް ދެކޮޅު ހަދައި، ސާބިތުކަން ދައްކާފައި ވަނިކޮށެވެ.

ހަދިޔާ ޢިއުލާނުކުރުން:

  • ޣާޒީއަށް ލިބުނު ގާނޫނީ ބޮޑު ކާމިޔާބީއަށް ފަހު އޭނާ ވަނީ، ބަދަލުގެ ގޮތުގައި އޭނާއަށް ލިބޭ ފައިސާއިން ޣައްޒާގެ ކުޑަކުދިންނަށް އެހީވުމަށް ފަސް ލައްކަ ޔޫރޯ ހަދިޔާ ކުރާނެ ކަން އިއުލާނުކޮށްފައެވެ. ހުނަރުވެރި ފޯވާޑު ބުނީ، މެއިންޒާ ދެކޮޅަށް ކޯޓަށް މައްސަލަ ވެއްދީ ފައިސާގެ ބޭނުމުގައި ނޫންކަމަށާއި، އެހެންކަމުން ބަދަލުގެ ގޮތުގައި އޭނާއަށް ލިބޭ ފައިސާއިން 500،000 ޔޫރޯ ޣައްޒާގެ ކުޑަކުދީނަށް ދޭން ނިންމޭި ކަމަށެވެ. އަދި މިއީ އަމިއްލަ ފައިދާއަށް ވުރެ އިންސާނިއްޔަތަށް ޓަކައި އޭނާ ކުރާ މަސައްކަތާއި، މިކަމުގައި ޤާނޫނީ ފިޔަވަޅު އަޅާން ނިންމީ އޭނާ އިންސާނިއްޔަތަށްޓަކައި އަޑު އުފުލުމުން އެ އަޑު ކަނޑުވާލަން ކްލަބުން މަސައްކަތް ކުރުމުން ކަމަށެވެ.
އަންވަރު އަލް ޣާޒީ--

 

އާ ފެށުމެއް، އެހެނަސް އެއް ވިސްނުމެއް: 

  • މެއިންޒްއާ އެކު އެލް ގާޒީއަށް ކުރިމަތިވި އުނދަގޫ ތަޖުރިބާއަށްފަހު، މިހާރު ކާޑިފް ސިޓީއަށް ސޮއިކޮށް، އެ ކްލަބާއެކު ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް ދާއިރުވެސް ޣާޒީ ދަނީ، ޣައްޒާގެ ނިކަމެތިންގެ ޙައްޤުގައި އޭނާ ކުރަމުންދާ ވަކާލާތު ކުރިއަށް ނެރެމުންނެވެ. ޣާޒީ ބުނީ، ޣައްޒާގައި އަނިޔާ ލިބެމުންދާ ފަރާތްތަކުގެ ޙައްޤުގައި އޭނާ އުފުލާ އަޑު ކަނޑުވައި ނުލެވޭނޭ ކަމަށާއި، އަދި އެ އަޑު ދާނީ ގަދަވަމުން ކަމަށެވެ.

އަންވަރު ޣާޒީގެ މި ހިތްވަރުގަދަ އިސްނެގުމުގެ ސަބަބުން ދައްކުވައި ދެނީ، އޭނާގެ ހުނަރާއި މަޤުބޫލުކަމުގެ ބޭނުން ހިފަނީ ހަމައެކަނި ކުޅިވަރުގައި ނޫންކަމަށާއި، ޣައްޒާ ފަދަ، ހަނގުރާމައިގެ ޝިކާރައަކަށް ވެރިފައިވާ ސަރަޙައްދުތަކުގައި ކުރެވޭ އިންސާނީ މަސައްކަތްތަކުގައިވެސް އެ މަޝްހޫރުކަން ބޭނުންކުރެވޭނެ ކަމާއި އަދި އެކަމުގެ މުޙިއްމުކަމެވެ.