މާލޭގެ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު އޭޕްރީލް 1 ވަނަ ދުވަހު  ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ  ފަންކާއެއް ހިފައިގެން ދަނިކޮށް އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިންކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން، ތިން ރޭ މަތިން ތަޤުވާ މިސްކިތުން ވަނީ 7 ފަންކާ ވަގަށް ނަގާފައެވެ.

"މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރުވަނީ ހޯދާފައި. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވޭ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވެއެވެ. 

"މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި."

ފުލުހުން އިތުރަށް ބުނީ ހައްޔަރުކޮށްފައިވާ މީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހާ ކަމަށާއި މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.