މާދަމާ (11 މާރޗް 2024 ވާ ހޯމަ)އަކީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް (މުލަރޯދަ ދުވަސް) ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 

ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ  ކަންތައްތަކާބެހޭ  ވުޒާރާގައި ބޭއްވި ހަނދު  ސާބިތުކުރުމުގެ  ޖަލްސާގައި، މާދަމާއަކީ ރަމަޟާންމަހުގެ  ފުރަތަމަ  ދުވަސްކަމުގައި  ކަނޑައެޅީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29، (މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 10) ވީ އާދީއްތަ ދުވަހުގެ އިރު އޮއްސޭއިރު، ދިވެހިރާއްޖެއަށާއި އިސްލާމީ ގިނަ ޤައުމަތަކަށް ވެސް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނޭކަމަށް، އިތުބާރުހުރި، ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިންނެވެ.

މާދަމައަކީ ރާއްޖެއަށް މުލަ ރޯދަ ދުވަސް ކަމަކަށް ކަނޑައަޅާފައި ވާއިރު، ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ މިއަހަރު އެގައުމަށް މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފައެވެ. 

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާ ތަޙްނިޔާ، އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މި ބަރަކާތްތެރި މައްސަރަކީ އަޅުގަނޑުމެން އެންމެނަށް މާތްﷲ سبحانه و تعالىގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ މައްސަރެއްކަމުގައި ލައްވާށިއެވެ.