ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަަމަށެވެ.

"ލެޓާ އޮފް އިންޓްރެސްޓް" ހުށަހަޅަންޖެހޭ ސުންގަޑިއަކީ ހޯމް މިނިސްޓްރީން ބުނިގޮތުގައި މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ. އެ ހުށަހެޅުން ބަލައިގަންނާނީ ހޯމް މިިނިސްޓްރީއަށެވެ.

މާޗު 27، 2021 ގައި އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަން ކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށް ގާނޫނުގައިވެ އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.