ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކިބައިގައި ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ އެންމެ ރީތިގޮތަކީ އިސްތިއުފާދިނުން ކަމަށް ކުރީން އެފްއޭއެމްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ، ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. 

ޓޮމް މީގެ ކުރީން ވަނީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން،" ކަމަށާއި، "ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ކަމަށެވެ. 

ޓޮމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި" ކަމަށެވެ، އަދި "ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްތިއުފާދެއްވުމަށް ގޮވާލައި އަހްމަދު ޠާރިޤު (ޓޮމް) އެކްސްގައި ހިއްސާކުރެއްވި ފޮޓޯ--

 

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއާ އެފްއޭއެމްއާ ގުޅުން ކުޑަވެ، ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ހީނަރުވެ، އަދި އެފްއޭއެމް ދަރަނިވެރިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ، އެފްއޭއެމް ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރާން މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން، އެފްއޭއެމްއަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އެފްއޭއެމްގެ މެނޭޖްމަންޓަށް ކޮށްފައި ވާއިރު، އެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް ޕްރޮސިކިއުޓަރ ޖެނެރަލް އަމާޒުކުރައްވަނީ ބައްސާމް އަށެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހެކިހޯދުމަށް ފަހު ދައުވާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ބައްސާމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް އެފްއޭއެމުންވެސް އަދި ބައްސާމުވެސް ވިދާޅުވެފައި ވަނީ، ޕީޖީން ތުހުމަތުކުރާފަދަ އެއްވެސް ޢަމަލެއް ބައްސާމުވެސް އަދި އެފްއޭއެމްގެ އެއްވެސް މުވައްޒަފަކު ކޮށްފައި ނުވާނޭ ކަމަށެވެ.