ސާނަވީ ނިންމާ ދަރިވަރުންނަށާއި މަތީ ސާނަވީ ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދުކޮށް ޚުތުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުން ނިންމާފައި މިވަނީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ގްރޭޑު 10، 11 އަދި 12 ގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވާފައިވާ ކަމަށެވެ.

މީގެކުރިން މިނިސްޓަރު ޝަހީމް ވަނީ އިމާމުންނަށްވެސް ތައުލީމީ ގޮތުން ކުރިއެރުމަށް އެކި ފުރުސަތުތައް ފަހިކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ.