އައްޑޫ ސިޓީގައި ހިންގި ދެ މާރީއާ ގުޅިގެން އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އާއި އިއްޔެ އައްޑޫގައި ވަނީ ސިލްސިލާކޮށް ދެ މާރާމާރީއެއް ހިނގާފައެވެ. އެގޮތުން އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ފުލުހުން މިއަދު ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ ނުރައްކާތެރި މާރާމާރިއާ ގުޅިގެން ވެސް ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މިއާއެކު މިދެ މާރާމާރީއާ ގުޅިގެން ޖުމުލަ ހަ މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެގެ މާރާމާރީގައި ތޫނުއެއްޗަކުން ޙަމަލާދީ ޒަޚަމުކޮށްލާފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އަދި ހުކުރު ދުވަހުގެ މާރާމާރީގައި އަނިޔާލިބުނު މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ޙާމަކޮށްފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.