އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ކުއްޖާ މަރާލައި އެއްލައިލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގަސްތުގައި މީހަކު މެރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ކުޑަކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ވެސް ގެސްޓް ހައުސްތަކުން ނެގި ކުނިތަކުގެ ތެރެއިންނެވެ. މަރުވެފައި މި ތުއްތު ކުއްޖާގެ ހަށިގަނޑު އޮތީ ޑަސްބިން ކޮތަޅެއްގެ ތެރެއަށްލާ ކުނިތަކެއް ތެރެއަށް އެއްލާލާފައެވެ.