ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޝަހީދު ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒުގައި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)ގެ ކޯސްތައް ހިންގުމަށްޓަކައި އެ ޔުނިވަރސިޓީއާ ހަވާލުކުރާން ސަރުކާރުން ނިންމައިފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހަފްތާ ތެރޭގައި ރ. އުނގޫފާރު އިސްލާމީ މަރުކަޒު އައިޔޫއެމްއާ ޙަވާލުކުރައްވާނޭ ކަމަށެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، ގދ. ތިނަދޫ އިސްލާމީ މަރުކަޒުވެސް، އައިޔޫއެމްއާ ޙަވާލުކޮށްފައެވެ. އެގޮތުން، އުނގޫފާރު އިސްލާމީ މަރުކަޒުވެސް އެ ޔުނިވަރސިޓީއާ ޙަވާލުކުރަނީ، އައިޔޫއެމްއަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ޙައްލުކޮށް، އެސަރަހައްދުގައި އިސްލާމީ އިލްމާއި ހަޟާރާތާއި ޘަގާފަތު ފޯރުކޮށްދޭ މަރުކަޒަކަށް އެތަން ހެދުމަށެވެ. އަދި މާލެ ނައިސް، އެ ސަރަހައްދުގެ ދަރިވަރުންނަށް އައިޔޫއެމްގެ ކޯސްތައް ހެދުމަށް ފަހުކުރުމަށެވެ.