އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަށް ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމަށްޓަކައި ޚާއްސަ ޕީއެޗްޑީ ސްކޮލަރޝިޕްތަކެއް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިވިއެވެ. 

އައިޔޫއެމްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ ސްޓާފުން ބިނާ ކުރުމަށް، ކޮންމެ އަހަރަކަށްވެސް ކަނޑައެޅިގެން ވަކިވަރަކަށް ރާވަމުން އަންނަ ކަމަށާއި، ނަމަވެސް މިފަހަރު ހިލޭ ސްކޮލާޝިޕް މި ދެނީ ހަމައެކަނި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ކަމަށެވެ.

އައިޔޫއެމް ދަނީ ވަރަށް ހަލުއިކަމާއެކު ފުޅާވަމުން ކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް އެ ޔުނިވަރސިޓީގެ މަރުކަޒުތައް ފެތުރިގެން ދިއުމަށް މި ސަރުކާރުން ބޭނުންވާކަން ހާމަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، އެތަނުގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް، ލެކްޗަރާއިން ސްޕެޝަލައިޒް ވުމަށް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ބޭނުންވާ އެހީތެރިކަން އިސްލާމިކް ޔުނިވާސިޓީ އަށް ފޯރުކޮށްދޭން އިސްލާމީ ވުޒާރާއިން ތައްޔާރަށް އޮތް ކަމަށެވެ.