ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ގދ. ތިނަދޫގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގެ ޢިމާރާތް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތައް ހިންގުމަށް އެ ޔުނިވަރސިޓީއާ ހަވާލުކޮށްފިއެވެ.

މާލޭގައި ހުރި އިސްލާމީ މަރުކަޒާ އެއްގޮތަށް ފަރުމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ގދ. ތިނަދޫގައި، 60 ހާސް އަކަފޫޓު ބިމެއްގައި ތަރައްގީކުރި މި ފުރިހަމަ ބިނާ، 10 އަހަރު ދުވަހަށް އައިޔޫއެމްއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، އައިޔޫއެމްގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ޒާހިރެވެ.

ގދ. ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްއާ ޙަވާލުކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: އިސްލާމީ ވުޒާރާ

 

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި އިމާރާތް އައިޔޫއެމްގެ ކޯސްތައް ހިންގުމަށް އެ ޔުނިވަރސިޓީގައި ހަވާލުކޮށްފައިވަނީ، އައިޔޫއެމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. 

އެ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި، އާ ސަރުކާރުން އައިޔޫއެމްއާއެކު ގާތް ގުޅުމެއް ބާއްވާނޭކަމަށް ޑރ. ޝަހީމް ވިދާޅުވިއިރު، ވައިސް ޗާންސެލަރު އަލީ ޒާހިރު ވިދާޅުވީ، މި އެއްބަސްވުމާއެކު ތިނަދޫގައި އައިޔޫއެމްގެ އަމިއްލަ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.