2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އޭރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ޕާޓީ ތަކާއި ސީޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަލިކުރެއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް ތައްޔާރުވެގެންނެވެ.

އިދިކޮޅުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންކަހަލަ ގޮތަކަށް، ހައްޔަރުކޮށް ޖަލަށް ލާފައިވާއިރު ދެން ތިއްބެވި ފަރާތްތަކުންވަނީ އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެހެންކަމުން އޭރު އޮތް ހާލަތުގައި ސިޔާސީ ފަރާތްތަކުން އަތާއަތް ގުޅުވާލީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ހުރިހާ ފޯމިއުލާއެއް ހޯދައި، ހުރިހާ ފަރާތްތަކުން ކޯލިޝަން އެއްބަސްވުމެއް ހަދާ އޭގަ ސޮއި ކުރުމަށެވެ. އެ އެއްބަސްވުމުގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ސަރުކާރުގެ ހިއްސާ އޭރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމްއަށް ލިބޭނީ ކިތައް ސިޔާސީ މަގާމު ތޯއާއި އަދި މިނޫންވެސް ކިތަންމެ ކަމެއް ހިމަނާފައިވެއެވެ.

ދެން އުފެދޭ ސުވާލަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އޭރު ހެދުނު އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުގެ ކަންތައްތައް ކުރިއަށް ދިޔަތޯ؟ 

ހަމަ ޔަގީނުންވެސް ކޯލިޝަނުގައި ހިމެނޭ އެއްވެސް ޕާޓީއަކުން އެކަމަށް އެއްބަސް ނުވާނެއެވެ. ސަރުކާރު ހިންގުމާއި އަދި ސިޔާސީ ޕާޓީތަކަށް ދޭން އެއްބަސްވި ގޮތަށް މިނިސްޓްރީ ތަކާއި އަދި ސަރުކާރުގެ ކުންފުނިތައް ދޭނެކަމަށް ވައުދުވި ނަމަވެސް އެކަން އެގޮތަށް ދިޔަތަން ފެނިގެން ނުދެއެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވެނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އޭގެ ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފު މަގާމުން ދުރުކޮށް އެ ސްލޮޓަށް އަދާލަތު ޕާޓީގެ މެމްބަރަކު އައްޔަންކޮށްފައި ނުވުމެވެ. އަދި ހައުސިން މިނިސްޓަރަކަށް ހުންނެވި އެމްއާރުއެމްގެ އާތިފާ ޝަކޫރު އެ މަޤާމުން އިސްތިއުފާ ދެއްވުމުން އެ ވުޒާރާ އުވާލައި ޕްލޭނިންގ މިނިސްޓްރީއާއި ވަނީ އެއްކޮށްލިއެވެ. މީގެ އިތުރުން ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމަަށް ރައީސް އޮފީހަށް ފޮނުވި ނަންތައް އަދިވެސް ރައީސް އޮފީހުގައި ހުރިކަމަށް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ޗެއަރޕަރސަން އިންތިޚާބާއި ދިމާކޮށް ސިޔާސީ މަގާމުތަކަށް ގިނަ ފަރާތްތަކެއް އައްޔަން ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ސިޔާސީ ޕާޓީތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ބަސް ނުބުނެ މަޑުން ތިބި ނަމަވެސް މިހާރު އެ ވާހަކަތައް ދެކެވެން ފަށާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަނެއްކާވެސް ކޯލިޝަން ހެދުމުމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ. ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށާއި އެ އެއްބަސްވުމުގައި ވަނީ އެއްކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ނުކުރެވޭނަމަ އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.

ސުވާލަކީ އެ ވިދާޅުވާ އެއްބަސްވުމުގައި އޮތީ ހަމައެކަނި އެ ވާހަކަ ތޯއެވެ؟ ނުވަނަ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުންނާއިމެދު އަމަލު ކުރެވޭނެ ގޮތާއި އެކަން އެގޮތަށް ނުދާނަމަ ދެން އަމަލު ކުރެވޭ ގޮތްތަކެއްވެސް ހަމަ ނެތީތޯ؟ ހަމަ ޔަގީނުންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފުންނާބު އުސް ހަތަރު ލީޑަރުން ކަމުގައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބަސްވެ ސޮއި ކުރައްވާ އެއްބަސްވުމެއްގައި މިއަށްވުރެ ތަފްސީލީ ޕޮއިންޓްތަކެއް ހިމެނޭނެކަން ކަށަވަރެވެ.

އެހެންކަމުން އެ ވިދާޅުވާ އެގްރިމެންޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއްގެ ވާހަކަ މި ދުވަސްކޮޅު ގަދަވެގެން މި އުޅެނީ ދެން ތިއްބެވި ފަރާތްތަކުގެ މުހިންމުކަން ބޮޑުކަމުންތޯ ނުވަތަ އެފަރާތްތަކާ ނުލާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ލިބުނީމަތޯ ހަމަ ސުވާލު އުފެދެއެވެ.

ގިނަ ބައެއްގެ ދެމެދުގައި ސޮއި ކުރެވި ހެދޭ އެއްބަސްވުމެއްގައި ހިމެނޭ ކަންތައްތައް އެ އެއްބަސްވުމާއި އެއްގޮތަށް ކުރެވެމުން ނުދާނަމަ އެއާއި އެއް ގޮތަށް އަމަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތަކަށް ދޭން ވައުދުވި އަދަދަށް ސިޔާސީ މަޤާމުތައް ދެވުނުތޯއާއި އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަދަދަށް ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ދެވުނުތޯއެއީ އަލުން މުރާޖައާ ކޮށްލަން ރަގަޅު ކަމެކެވެ.