ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ކުރަމުންދާ ބޭރު ފައިސާގެ ކަޅު ބާޒާރުގެ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރާއި ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ފުޅާ ދާއިރާއެއްގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ޑޮލަރުގެ މުޢާމަލާތްތައް ހިންގުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ 27 ބިދޭސީއެއްގެ މައްސަލައާއި، އެފަދަ ވިޔަފާރިތައް ހިންގާ 22 ތަނެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ތަޙުޤީޤުތައް ފަށާފައިވަނީ ކަޅު ބާޒާރުގެ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް ޤާއިމުކުރި ޚާއްޞަ ހޮޓްލައިން މެދުވެރިކޮށް އާންމުންގެ ފަރާތުން ލިބުނު 65 ރިޕޯޓަކަށް ބެލުމަށްފަހުގައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ރިޕޯޓުކޮށްފައިވާ ތަންތަނުގެ ތެރޭގައި ހުއްދައެއް ނެތި މަނީ އެކްސްޗޭންޖްގެ ޚިދުމަތް ދޭ 18 ތަނަކާއި، ޤާނޫނާ ޚިލާފަށް ބޮޑު އަގުގައި ފައިސާ މާރުކުރާ 4 ތަނެއްގެ އިތުރުން، ކަޅު ބާޒާރުގައި ޑޮލަރުގެ މުޢާމަލާތްތައް ހިންގާ އޮންލައިން 16 ޕްލެޓްފޯމެއް ހިމެނެއެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ދެ ރައްޔިތެއް ކަމަށްވާ އެމްޑީ މަސްޢޫދު އަޙްމަދާއި އަބޫ ތާހިރު ހިމެނެއެވެ. 

އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ޤަވާއިދާ ޚިލާފަށް ޑޮލަރުގެ މުޢާމަލާތްތައް ހިންގުމުގައި ބައިވެރިވި އެކަކު މިހާރު ވަނީ، އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ތުހުމަތުކުރެވޭ އެހެން ފަރާތްތަކާއި ތަންތަނުގެ މަޢުލޫމާތު ކަށަވަރުކޮށް، އިތުރު ފިޔަވަޅުތައް އެޅުމާއި، މިކަންކަމުގައި ބައިވެރިވާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ޚާއްޞަ ޓާސްކް ފޯހަކުން ދަނީ ކުރަމުންނެވެ.

އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއްކޮށް، އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ކަމާބެހޭ އިދާރާތަކުން ވަނީ މިފަދަ ޤަވާއިދާ ޚިލާފު މުޢާމަލާތްތަކުގެ މަޢުލޫމާތު ސިއްރުގޮތެއްގައި 9388733 ނަންބަރު SMS، Viber، WhatsApp ނުވަތަ Telegram މެދުވެރިކޮށް ހިއްސާކުރުމަށް އެދިފައެވެ.

ސަރުކާރުގެ އަމާޒަކީ ޤާނޫނާ ޚިލާފަށް ހިންގާ ބޭރު ފައިސާގެ މުޢާމަލާތްތައް ހުއްޓުވައި، ބޭންކިންގ ނިޒާމުގެ ތެރެއިން ހަމަޖެހުން ގާއިމްކޮށް، ޤައުމީ އިޤްތިޞާދު ރައްކާތެރިކުރުމެވެ.