އިސްލާމްދީނުގައި މުދަލަކީ އިންސާނާއަށް އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި، ދުންޔަވީ އެންމެހައި ޙާޖަތްތައް ފުއްދުމަށްޓަކައި މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ނަމަވެސް، އެ މުދަލަކީ އިންސާނާއާ ހަވާލުކުރެވިފައިވާ މަތިވެރި އަމާނާތެއްވެސް މެއެވެ. ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި، އެ މުދާ ހޭދަކުރި ގޮތާ ބެހޭގޮތުން މީސްތަކުންނާ ސުވާލުކުރެވޭނެއެވެ.
މި ލިޔުމުގައި ބަލައިލާނީ 18 ސެޕްޓެންބަރު 2026 (07 ރަބީޢުލްއާޚިރު 1448) ވީ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މައުޟޫޢުގެ މައްޗަށް ލިޔެފައިވާ ހުކުރު ޚުޠުބާއަށެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި ދަހިވެތިނުވެ މެދުމިންކަން އިޚްތިޔާރުކުރުމަކީ މުދަލުގައި ބަރަކާތް ލައްވައި، އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. އަދި އިންސާނާގެ ޙަޔާތުގައި ދިމާވާ ބަލިމަޑުކަމާއި، ކުއްލި ނުރައްކާތަކުން ސަލާމަތްވެ، ސަލާންޖެހުމުން ރައްކާތެރިވުމަށްޓަކައި މުސްތަޤުބަލަށް މުދާ ރައްކާކުރުމުގެ މުހިންމުކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އޭގެ އިތުރުން، ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގެ ނުރައްކާތެރިކަމަށް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ. ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތަކަށްވާއިރު، މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ. އަދި ކޮންމެހެން ދަރަންޏެއް ނަގަންޖެހޭ ޙާލަތެއްގައިވެސް، ކޮންމެ މުސްލިމެއްގެ މައްޗަށް ޙަރާމްކުރައްވާފައިވާ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ.
މާލީ އެއްބަސްވުންތަކަށް (ޢަޤުދުތަކަށް) އިޙުތިރާމްކުރުމަކީ މުއުމިނުންގެ މަތިވެރި އަޚުލާޤެކެވެ. އެއީ ދަރަންޏާއި، ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އަދި އެއްމެދު އެއްބަސްވުންތައް ކަމުގައި ވިޔަސް މެއެވެ. އަދި ތިމާގެ އަނބިދަރީންނަށް އަބުރުވެރިކަމާއެކު އުޅެވޭނޭ މިންވަރަށް ޚަރަދުބަރަދު ދިނުމަކީ ވާޖިބެއްގެ އިތުރުން ޘަވާބާއި ދަރުމަ ލިބޭ މަތިވެރި އަޅުކަމެއްކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
"އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ." ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
މީގެ އިތުރުންވެސް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ، ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވެ އަމާނާތްތެރިވުމުގެ މުހިންމުކަމެވެ. ތެދުވެރި އަމާނާތްތެރި މުސްލިމު ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއެކުގައެވެ.
މި ޚުޠުބާގެ ޚުލާސާއަކީ، މާލީ މުޢާމަލާތްތައް ހަރުދަނާކޮށް ޙިކުމަތްތެރިކަމާއެކު ކުރުމަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމެވެ. މުދާ ހޯދުމާއި ހޭދަކުރުމުގައި ޢަދުލުވެރިވެ، އިސްރާފުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވެ، ތެދުވެރިކަމާއެކު ޒިންމާދާރުވުމަކީ ހަރުދަނާ، އަމާނާތްތެރި އަދި ބާއްޖަވެރި މުޖުތަމަޢެއް ބިނާވުމުގެ އަޞްލެވެ.
އަދި މީގެ އިތުރުން، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވާފައިވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ މުޤައްދަސު ދެ ރަށުގެ ރައްކާތެރިކަމަށް އެދި ދުޢާކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.


ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.