ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތެރޭ މި ސަރުކާރުން، ހިންގި ބިންވެރިކުރުމާއި، ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދެވަނަ ބުރުގައި އެކަމަށް އެދި ކުރިމަތިލީމީހުންގެ ތެރޭން ޝަރުތުހަމަވާ މީހުން ބަލައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރީން ލިސްޓް ކަނޑައަޅާނޭކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. 

ކުރީން ޕްލޭނިންގ މިނިސްޓްރީން ބުނެފައި ވަނީ، އޮކްޓޫބަރު 24 ވަނަ ދުވަހު ދެވަނަ ބުރަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވީއިރު، ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން، 40,594 މީހުންގެ ފޯމުތައް މިދައުރުގެ ތެރޭގައި ނުނިމޭނޭކަމަށް އޭރު ވަނީ ބުނެފައެވެ. 

ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މާލޭ ސަރަހައްދުން ގޯއްޗަށާއި ފްލެޓަށް އެދި، ޝަރުތު ހަމަވެފައިވާ އެއްވެސް މީހެއްގެ ފޯމު ބާތިލް ނުކުރައްވާނޭކަމުގެ ވަޢުދެއް ވެވަޑައިގެންފައެވެ. އެހެންކަމާއެކު، މިހާރު ރައީސް އިބްރާހީމްގެ ސަރުކާރުން ދަނީ، ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރީން، ކޮންމެ ގޮތެއް ހަދާފައިވިޔަސް، ދާއިމީ ލިސްޓެއް ނެރޭން މަސައްކަތްކުރަމުންނެވެ. 

އަކްރަމް ދުވަހު ނޫސް މިހާރަށް ވިދާޅުވީ، ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ފޯމުތައް މި ދައުރު ނިމުމުގެ ކުރިން ޕްރޮސެސްކޮށް ނިންމައި، ދައުރު ނިމުމުގެ ކުރީން، ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާނުކުރައްވާނޭ ކަމަށެވެ. 

އިންސާފުވެރިކަމާއެކު، ބޯހިޔާވަހިކަމުގެ މަސައްކަތް އެއްވެސް ސަރުކާރަކުން މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވާއިރު، މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި އަނެއްކާވެސް، "ގޭސްގަނޑެއް އަނބުރައި" ސިޔާސީ މަންފާއެއް ޙާސިލުކުރުމަށް، ކުރީންވެސް ބިންވެރިޔާ ސްކީމެއް ހިންގައި ހިތު ހުރި ބަޔަކަށް ލިޔުން ދިން ގޮތަށް އަނެއްކާވެސް ފްލެޓާއި ގޯތީގެ ލިޔުންތައް ބަހާލަފާނެތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓްގެ ދާއިމީ ލިސްޓެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނެރޭ ވާހަކަ ދައްކާއިރު، ފުރަތަމަ ބުރުގެ ފްލެޓަށް ޝަރުތު ހަމަވީ މީހުންގެ ތެރޭން މިހާރު ދޭންބުނާ 4000 ޔުނިޓުގެ ލިސްޓުވެސް އަދިވެސް އުޅެނީ ކަނޑަނޭޅިގެންނެވެ.