އިޒްރޭލުގެ ޔަހޫދީން ބަންދުކޮށްގެން، ޤަތުލުޢާންމުތަކެއް ހިންގަމުންދާ ފަލަސްތީނުގެ ޣައްޒާގައި ޒަރޫރީ ސާމާނު ހުސްވެފައިވާއިރު، ޣައްޒާއަށް އެވެސް ހުރަހެއް ނެތި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު، މިޞްރުގެ ވެރިރަށް ޤާހިރާގައި އެގައުމުގެ ޚާރިޖީ ވަޒީރު ސާމިހު ޝުކުރީއާއެކު ބޭއްވެވި ބައްދަލުވުމެއްގައި، ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ބޭނުންވާ ތެލާއި ކާނާއާއި ފެނާއި ބޭހާއި އަދި އެހެނިހެން މުހިންމު ބާވަތްތަކުގެ އެއްވެސް ޝިޕްމަންޓެއް ނުފޮނުވި ދެހަފްތާއެއްހާ ދުވަސް ގޮސްފިކަމަށެވެ. 

އޭނާ ވިދާޅުވީ، "ބަލި ފެތުރެމުން އެބަދޭ. ސަޕްލައިތައް ދަނީ ހުސްވަމުން. މީހުން މަރުވަމުން ދަނީ،" ކަމަށެވެ. 

ގުޓަރޭސް މިވަގުތު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ޣައްޒާއަށް އެއްފަހަރާ އެހީގެ ބޮޑު ޝިޕްމަންޓެއް ފޮނުވުމަށްޓަކައި ކުރާންޖެހޭ ކަންކަން ހިނގަމުންދާގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ޣައްޒާއަށް މިހާރު ފޯރުކޮށްދޭން ޖެހެނީ މަދު އެހީތަކެއް ނޫންކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ، ތަކެއްޗާއި، އަދި ފަސޭހައިން އެތަކެތި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްވެސް ބިޔަ ބޮޑު އޮޕަރޭޝަނެއް މިހާރުންމިހާރަށް ހިންގާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ގުޓަރޭސް ވަނީ، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހަނގުރާމަ މައިތިރިކުރުމަށް މިސްރުންކުރަމުންދާ މަސައްތަކާއި ފޯރުކޮށްދޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. 

އޭނާ ވިދާޅުވީ، މިސްރުން ދަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތާއި، ވޭނާއި ތަކުލީފުތައް ކުޑަކުރުމަށް މަލްޓިލެޓަރަލްގޮތުން މުހިއްމު ދައުރެއް އަދާކުރަމުންކަމަށެވެ. އަދި ޣައްޒާއަށް އެހީތައް ފޯރުކޮށްދެވޭން މިހާރު އޮތް ހަމައެކަނި މަގަކީ، މިސްރުގެ އަލް އަރިޝް އެއާޕޯޓާއި ރަފާ ކްރޮސިންގ ކަމަށެވެ. އަދި އެތަނުގައި ދިބި ދިރިތިބީންގެ ހަމައެކަނި އުންމީދުގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. 

ޣައްޒާއަށް އެހީފޯރުކޮށް ނުދެވި، އިތުރަށް ދިގުލައިދާނަމަ، އެތަނުގެ ތެރޭގައި ކާބޯތަކެއްޗާއި ފެނަށްޖެހި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިނގުމުގެ ބިރުއޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޓަރޭސްގެ މި ދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީގެ އިސްނެންގެވުމުގެ މަތީން ހޮނިހިރު ދުވަހު ބާއްވާ އިންޓަނޭޝަނަލް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.