ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތައްވެސް ކޮންޓްރެކްޓަރުންގެ އަމިއްލަ ތަކެތީގައި މަސައްކަތްކުރުމަށްފަހު އެއްބަސްވުމާ އެއްގޮތަށް އިންވޮއިސް ހުށަހެޅުމުން ފައިސާދޭންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާނަމަ، ސަރުކާރުންވެސް ޖޫރިމަނާއާއެކު ފައިސާ ދޭންޖެހޭނޭކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ބުނެފިއެވެ. 

މަސީން ވަނީ، ސަރުކާރުން ދޭންޖެހޭ މަސައްކަތުގެ އަގު ނުލިބިގެން، "މުވައްޒަފުންނަށް މުސާރަ ނުދެވި، މުވައްޒަފުން މަސައްކަތް ހުއްޓާލަމުން ގެންދާކަމަށާއި، ކޮންޓްރެކްޓަރުން ގޮތްހުސްވެ ކަންބޮޑުވެފައިވާ" ކަމަށާއި، އަދި މިކަމުގެ ސަބަބުން ޢިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ. 

މަސީން ބުނީ، އަމިއްލަ ޚަރަދުގައި ކުންފުނިތައް ލައްވާ ބޮޑެތި މަޝްރޫޢުތައް ހިންގާފައި ސަރުކާރުން ލާރި ނުދޭތީ، އެކަން ހައްލުކުރާން ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، މަސައްކަތް ހަވާލުކުރާ ފަރާތްތަކާއި، އަދި ސިވިލް ސަރވިސް ކޮމިޝަނާވެސް ބައްދަލުކޮށް ހައްލެއް ހޯދަން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. 

އެގޮތުން އެތަންތަނުގެ ވެރީންނާ ބައްދަލުކޮށް މަޝްވަރާކޮށް، ކޮންޓްރެކްޓްގެ އެއްބަސްވެފައި އޮންނަމުއްދަތުގެ ތެރޭގައި އިންވޮއިސްގެ ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާނޭ ކަމަށްެވސް މަސީން ބުނެއެވެ. 

"އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާކުރާ ފަދައިން، ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވުމުން އޭގެ ޖޫރިމަނާ ކޮންޓްރެކްޓަރުންނަށް ދިނުމަށްވެސް،" މަސީން އިލްތިމާސްކޮށްފައި ވާނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަސީން ވަނީ، އެއްބަސްވުމާ އެއްގޮތަށް، ސަރުކާރުންވެސް އަދި އެހެންފަރާތްތަކުންވެސް ކުންފުނިތަކަށް ދޫކުރާން ޖެހޭ ފައިސާ ދޫކުރުމަށް ގޮވާލައިފައެވެ. 

އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން، ސަރުކާރުގެ އެކިއެކި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ ސަބްކޮންޓްރެކްޓ ކުރި ފަރާތްތަކަށްވެސް ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ. ވޭތުވެ ދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ހިިންގާން އެތަކެއް ބިލިޔަން ރުފިޔާގެ ލޯނުތައް ނެގި ނަމަވެސް، މަސައްކަތްކުރާން ހަވާލުކޮށްފައިވާ ފަރާތްތަކަށް ފައިސާ ނުދޭ މައްސަލައާއި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވާ މައްސަލައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާކަ ބޮޑު ސަމާލުކަމެއް ދޭތަން ނުފެންނާތީ މިކަންކަން ވަރަށް ރަނގަޅަށް ބަލައި ތަޙުޤީގުކުރުމަށް ރައްޔިތުންތަނީ އަލަށް ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލަމުންނެވެ.