ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތައްވެސް ކޮންޓްރެކްޓަރުންގެ އަމިއްލަ ތަކެތީގައި މަސައްކަތްކުރުމަށްފަހު އެއްބަސްވުމާ އެއްގޮތަށް އިންވޮއިސް ހުށަހެޅިނަމަވެސް، އެއަށް ލިބެންޖެހޭ ފައިސާ ސަރުކާރުން ދޫނުކޮށް ހިފަހައްޓާފައިވާތީ، ގިނަ ކުންފުނިތަކެއްގެ މަސައްކަތް ހުއްޓި ގޮތް ހުސްވެފައިވާ ކަމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން ބުނެފިއެވެ. 

ޢިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތަކުގެ ޖަމިއްޔާ، މަސީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނީ، "ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި މަަސައްކަތްކުރުމަށް ފަހު، ކޮންޓްރެކްޓްގައިވާ ގޮތުގެ މަތީން އިންވޮއިސް ހުށަހެޅުމުން ފައިސާ ލިބުން ލަސްވެ، ކޮންޓްރެކްޓްތައް ހިންގުމަށް ދަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމާއި، މުވައްޒަފުންގެ ކެއުމާއި، އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށާއި، މަސައްކަތަށް ބޭނުންވާނޭ ތަކެތި ސަޕްލައި ކޮށްދޭ ފަރާތްތަކަށް އަގު ނުދެވިގެން މިކަންކަމުގެ ޝަކުވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކުރުމަށް ފަހު އެކަމަށް ޙައްލެއް ނުލިބިގެން" އެ އެސޯސިއޭޝަނުގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަަމުން އެބަ ގެންދާ ކަމަށެވެ.

މަސީން ބުނީ، ސަރުކާރުން ދޭންޖެހޭ މަސައްކަތުގެ އަގު ނުލިބިގެން، "މުވައްޒަފުންނަށް މުސާރަ ނުދެވި، މުވައްޒަފުން މަސައްކަތް ހުއްޓާލަމުން ގެންދާކަމަށާއި، ކޮންޓްރެކްޓަރުން ގޮތްހުސްވެ ކަންބޮޑުވެފައި" ވާކަމަށެވެ. 

ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތަށް ހިއްސާކޮށްފައިވާ ކަމަށާއި، އަދި އޭގެ ފަހުން "ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޗެލެންޖަސް އެންޑް ޕޮސިބްލް ސޮލޫޝަން"ގެ ނަމުގައި 24 ނުކުތާގެ މައްޗަށް އެކުލަވޭ ޕްރެޒެންޓޭޝަނެއް 24 ނޮވެމްބަރު 2019ގައި ހުށަހަޅައި، އޭގެ ފަހުންވެސް އެތަކެއް ފަހަރު، މި ޝަކުވާތައް ސަރުކާރުގެ ސަމާލުކަށް ގެނެވިފައި ވީނަމަވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފައި ނުވާކަމަށް މަސީން ބުނެއެވެ. 

މަސީން ވަނީ، އެއްބަސްވުމާ އެއްގޮތަށް، ސަރުކާރުންވެސް އަދި އެހެންފަރާތްތަކުންވެސް ކުންފުނިތަކަށް ދޫކުރާން ޖެހޭ ފައިސާ ދޫކުރުމަށް ގޮވާލައިފައެވެ.