ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 138 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް، ވަކިބަޔަކަށް ފައްކާކޮށްފައިވާ އުސޫލެއްގެ ދަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުން ދެން އޮންނާނީ ލިލީ މަގުގައި ހުންނަ ކުރީގެ ސީއެޗްއެސްއީ ޢިމާރާތުގައި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފިއެވެ. 

މިނިސްޓްރީން ކުރި އެކްސް ޕޯސްޓެއްގައި ވަނީ، "މާލޭ ރައްޔިތުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރުމައްޓަކައި ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ކުރިއަށް ގެންދިޔަ ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް 3 އޮކްޓޯބަރ 2023 އިން ފެށިގެން ކުރިއަށްގެންދާނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގަ" ކަމަށެވެ. 

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

 

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގައި ބުނެފައި ވަނީ، އެއްވެސް އިރެއްގައި މާލެ ނޫން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތަކަށް މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތި ނުލެވޭނޭ ކަމަށެވެ. އަދި މީގެ އިތުރުން، މި އުސޫލުގައި މާލޭ މީހުންނަށް އެމީހުން އަތުގައި އޮތް ބިންކޮޅު ދޫކޮށްލާފައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، ސަރުކާރުން ނުހަނު އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކާފައިވާ ފްލެޓެއް ލިބިފައިވާ ފަރާތަކަށްވެސް މި ސްކީމަށް ކުރިމަތި ނުލެވޭގޮތަށް ވަރަށް ބޭއިންސާފުން ވަކިބަޔަކަށް މަންފާހޯދައިދިނުމަށް ހަދާފައިވާ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ޚިލާފު އުސޫލެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 138 ވަަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ. 

 

(ހ) 

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން. 

 

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.