އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި 20 އަހަރު ދުވަހުގެ ޖަލުހުކުމެއް ގޭގައި ހުންނަވައިގެން ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލްޣަފޫރު ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އަދީބުގެ އާލާސްކަންފުޅު ކުއްލިއަކަށް ބޮޑުވެ، އޭނާއަށް އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދިނުމަށް ފަހު، ރާއްޖޭން ބޭރަށް ފުރުއްވުމުގެ ހުއްދަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ދިނީ، ޖުލައި 12 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެ މުއްދަތު ހަމަވުމުން، އޯގަސްޓް 28ގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު ސެޕްޓެމްބަރ 15އަށް، އަދި އޭގެ ފަހުން އޮކްޓޫބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. އެހެންކަމުން އަދީބު މާލެ ވަޑައިގަތީ ބޭސްފަރުވާއަށް ދީފައިވާ މުއްދަތުން ބާކީވެސް ބައެއް އޮއްވައެވެ. 

އަދީބުގެ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވަނީ، ރައީސް ޔާމީނުގެ ސަރުކާރުން އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމްގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީ ފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހީމަށް އެ ޕާޓީން ވަނީ ޝުކުރުއަދާކޮށްފައެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްއިއްވި ނަމަވެސް، ރައީސް އިބްރާހީމްގެ ސަރުކާރާއެކު ހެއްދެވި އެއްބަސްވުމެއްގެ ދަށުން އޭނާ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ، ގޭގައި ހުންނަވައިގެންނެވެ.