ވަގަށްނަގައިގެން ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއަށް އިންސާފު ހޯއްދަވައިދެއްވުމަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ރައީސް އިބްރާޙީމްގެ ވެރިކަމުގެ 5 އަހަރުގެ ދައުރެއް ނިމުނީއެވެ. ނަމަވެސް މިދިޔަ އޯގަސްޓް މަހުގެ 8އަށް ރިލްވާން ގެއްލުނުތާ 9 އަހަރު ހަމަވީއިރު، މީގެ ކުރީން ވެސް އެ ހާދިސާއާ ގުޅޭގޮތުން ހޯދިފައިވާ މަޢުލޫމާތުތަކަށްވުރެ އިތުރު ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. އޭރުވެސް ކިޔަމުން ދިޔައީ، ރިލްވާނަށް ބަޔަކު އިންޒާރުތަކެއް ދިނުމަށްފަހު، އޭނާއަށް ހަމަލާދީ، ރަހީނުކޮށް ގެއްލުވާލީ ކަމަށެވެ. މިއަދުވެސް ދައްކަނީ ހަމަ އެވާހަކައެވެ.

ރިލްވާންގެ އިތުރުން، މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރަށްވެސް އިންސާފު ހޯދައިދެއްވުމަކީ ރައީސް އިބްރާހީމްގެ ރިޔާސީ ވަޢުދެކެވެ. އަދި އެ މަރުތަކުގެ ހަގީގަތް ހޯދުމަށް، މަރުކޮމިޝަނެއް އެކުލަވައިލެއްވިއެވެ. ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަން ހޯއްދެވިއެވެ. އެކަމަށްޓަކައޭ ކިޔާފައި ދައުލަތުން އެތަކެއް މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. ނަމަވެސް، 5 އަހަރުގެ ދައުރެއް ނިންމާލެއްވި އިރު، އެވީ ވަޢުގެ މަތީން މިހާރު ހަނދުމަފުޅުރިހެނެއްވެސް ހިޔެއް ނުވެއެވެ. އެހެނީ، މިފަހަރުގެ ކެމްޕޭން ތެރޭގައި އެފަދަ ވާހަކަފުޅެއް ނުދައްކަވައެވެ. 

އެމްޑީޕީއާއި އަދި އެޕާޓީއާ ގުޅިފައިއޮތް އިދިކޮޅު ކޯލިޝަނުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޅުނު އެންމެ ބޮޑު އެއް ޑްރާމާއަކީވެސް މިއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި މިކަމުގެ ތުހުމަތުތައް އެޅުވިއެވެ. މިއަދުގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ފަދަ ބޭބޭފުޅުން ކިތާބީހެއްކާއެކު، އޭރު މި ދެންނެވި މަރުތަކުގެ ވާހަކަތައް ދެއްކެވިއެވެ. ނަމަވެސް މިއަދު ފުލުހުންނާއި ޝަރުޢީދާއިރާގެ ހުރިހާ ބާރެއް ރައީސް އިބްރާހީމްގެ މުށުތެރޭގައި އޮތް އިރުވެސް، އަދި އިމްރާން ޢަބްދުﷲގެ އަތްޕުޅުމަތީގައި ތަޙްގީގީ އިދާރާ އޮތްއިރު، ރައީސްގެ ޚާއްސަ ޤަރާރަކުން ޚަރަދު ބޮޑު ރިޔާސީ ކޮމިޝަނެއް އެކުލަވައިލައްވައި، މިކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް، ރިލްވާނަށް ވީގޮތެއް އަދި އަދަށްދާންދެންވެސް ކަށަވަރެއް ނުކުރެވެއެވެ. އެކަމުގައި ޚަރަކާތްތެރިވީ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނެވިފައެއް ނުވެއެވެ. އެކަން ހިންގުމުގެ ފަހަތުގައި ތިބި ބަޔަކު ވެސް ނުހޯދުނެވެ. 

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރައްވާތީ، ދާދިފަހުން އެމްޑީޕީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ރައީސް އިބްރާހީމް ވަކިކުރެއްވި ޢަލީ ޙާޝިމް (ސުމިތު)، ރިލްވާންގެ މަންމަގެ ފޮޓޯއެއް އެކްސްގައި ޝެއަރކުރަމުން، "2018ގައި ވީވައުދު ނުފުއްދުނު އިތުރަށް ދެންކޮން ވާހަކައެއް އެމްޑީޕީ މިދައްކަނީ!" ވިދާޅުވެފައިވެއެވެ. 

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން، "ވެރިކަަމަށް އަންނާންވީ ވަޢުދުކޮބާ؟" ތޯ ރައީސް އިބްރާހީމާ ސުވާލުކުރައްވައި ސުމިތު ޝެއަރކުރެއްވި ފޮޓޯގައި ލިޔެފައ ވަނީ، "ރިލްވާނަށް ހޯދައިދެވުނު އިންސާފަކީ، ރަތް 🎈 ފުއްޕާހަމަކާ ހޭޝްޓެގެއް!" ކަމަށެވެ. #FindMoyameehaa?

ރިލްވާނާއި ޔާމީން ރަޝީދާއި އަދި އެނޫންވެސް އެފަދަ މަރުގެ މައްސަލަ ސިޔާސީ ބޭނުންމަށް އެކިފަރާތްތަކުން މިގޮތަށް ބޭނުންކުރަމުން އަންނަތާ ޒަމާންގަނޑެއް ވެއްޖެއެވެ. 2021 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައިވެސް، "ރަށްވެހިފަތިސް" ކެމްޕޭން ލޯންޗުކުރައްވަމުން ރައީސް އިބްރާހީމް ވަނީ ރިލްވާންގެ މަރުގެ މައްސަލަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް މީގެ އެއްވެސް ކަމެއްގައި އިންސާފެއް ނުލިވެއެވެ. އެހެނަސް، ބަދަލުގެ ގޮތުގައި އެތަކެއް ސަތޭކަ މިލިޔަން ރުފިޔާ އެކި ފަރާތްތަކަށް ދައުލަތުން ދީފިއެވެ. ފައިސާގެ ކަންކަން، ޗާޕުކޮށްގެން ނަމަވެސް ބަރާބަރަށް ކުރިއަށް އެބަ ގެންދަވައެވެ.

މިއީ ރައީސް ޞާލިޙުގެ "އިންސާފުގެ ދަތުރު"ގެ ތެރޭން މަދު މިންވަރެކެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމާއި، މިނެއް ނެތްވަރަށް ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ހޯއްދަވައިދެއްވުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯއްދަވައިދެއްވުމާ މިހިރަ މިހިރަ ކަންތައްތަކަކީ، ލިސްޓުގައި ހުރި، އެހެނަސް ވާނުވާ ޖަހާފައިވާ ކަންކަމެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އެތަކެއް ބައެއްގެ ނަންތައް ހުރި އިރު، މި ސަރުކާރަށް 5 އަހަރު ތެރޭގައި އެކަމާ ގުޅިގެން ހުކުމެއް ކުރެވޭ ވަރުވީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށެވެ. އަދި މި ޚިޔާނާތުގެ މޭސްތިރިޔާ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއެކު ސަރުކާރުން ޑީލެއް ހަދައި، އޭނާއަށް ޖަލުހުކުމް ގޭގައި ހުންނަވައިގެން ތަންފީޒުކުރެވޭގޮތް ހަދައިދީ، އެވަރުން ނުވެގެން މިހާރު ވަނީ ރާއްޖޭން ބޭރަށްވެސް ފޮނުވާލައިފައެވެ. 

މިނިވަން ނޫހުގެ ލިޔުންތެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ، ވަގަށްނަގައިގެން ގެއްލުވާލާފައި ވަނީ، 8 އޯގަސްޓް 2014ގައި--

 

މިކަންކަމަށް އިދިކޮޅުފަރާތްތަކުންނާއި، އެމްޑީޕީ ތެރޭންވެސް ރައީސް އިބްރާހީމަށް ދަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް ކުރިމަތިކުރުވަމުންނެވެ. ކުރީން ވީ ވަޢުދުތައް ނުފުއްދަވައި، އަލުން އަނެއްކާ ހަމަ އެވަޢުދުތައް ފުއްދާށާ، އަދި އިތުރު ވަޢުދުތައް ފުއްދާން އިތުރު 5 އަހަރެއް ދޭންވީތޯ ބުނެ ކުރާ ސުވާލުތަކެވެ.