ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް މާލެއިން ބިންތަކެއް ބަހާލުމަށް ފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އަނެއްކާވެސް، ޤާނޫނުއަސާސީއަށް އެއްވެސް ވަރެއްގެ ޙުރުމަތެއް ނެތި، ބޯހިޔާވަހިކަމުގެ އާ ސްކީމެއް ތަޢާރަފްކުރާން ނިންމަވައިފިއެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު، ދެވަނަ ބުރު ކާމިޔާބުކޮށް، ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް، ހިތަށް އެވަގުތަކު އެރި، ދުލަށް ފަހިވި ކޮންމެ ކަމެއްކޮށްދެއްވާނޭ ކަަމަށް ވަޢުދުވެވަޑައިގަންނަވަމުން ރައީސް އިބްރާހީމް މިހާރު ވަނީ، މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާނަމަ، ނުވަތަ ދަފްތަރުގައި 20 އަހަރު ވެފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް މުޅިންއާ ބޯހިޔާވަހިކަމުގެ ސްކީމެއް ތަޢާރަފްކުރާން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އިރާދަކުރެއްވިއްޔާ މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެށްޓުމަށްޓަކައި،" މާލޭ ގަލޮޅުކަންމަތީ ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެތެރޭގައި މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭން ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފްލެޓާއި ގޯތި ދޫކޮށްދޭނަން،" ރައީސް އިބްރާޙީމް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ސަރުކާރުން، ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 138 ވަނަ މާއްދާއާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމުން ރާއްޖެތެރޭން މާލެއަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް ބިން ދޫ ނުކުރާނޭކަމަށް އެމަނިކުފާނުގެ ހައުސިންގ މިނިިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން ރައީސް ވަނީ ކެމްޕޭން ސްޓްރެޓަޖީ ބަދަލުކުރައްވައި ގޯލަކަށް ފަހު ގޯލެއް ޖައްސަވާނޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހަމައެއް ލަމައެއްނެތި، އިންތިޚާބުގެ މެދުތެރޭން، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމާއި، މުވައްޒަފުންގެ އިނާޔާތްތައް އިތުރުކުރެއްވުމާއި، ދައުލަތަށް ދައްކާން ޖެހޭ ޖޫރިމަނާތަކާއި، ލޯނުތައް މަޢާފުކުރެއްވުމާއި، ދައުލަތް ބަނގުރޫޓުވެދާނޭފަދަ ބިރުވެރި އެތަކެއް ވައުދުތަކެއް ދަނީ ވެވަޑައިގަންނަވަމުންނެވެ. 

ރައީސް ވިދާޅުވީ، ދެތިން ދުވަހެއްގެ ތެރޭގައި މިވަރުގެ ބޮޑު ސިޔާސަތެއް އެކުލަވައިލައްވައި، މިހާރު ޢިއުލާނުކުރެއްވުމުގެ މަގުމަތީގައިވާ ކަމަށެވެ. سبحان الله! އަނެއްކާވެސް މިވަނީ އެއްކަލަ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް އެކުލަވައިލި ބިންވެރިކުރުވުމުގެ އުސޫލު އިތުރަށް ގަޑުބަޑުކޮށް، އާ އުސޫލެއް އެކުލަވައިލި ވާހަކައެވެ. 

"މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަ އެއްޗެއް ނޫންކަމަށް ވީ ނަމަވެސް، މުޅި ދިރިއުޅުން މާލެއަށް ބަދަލުކޮށް، ރަށްވެހިކަން ބަދަލުކޮށް، އެތަކެއް ޒަމާންތަކެއް ވާންދެން މާލޭގައި ވަޒަންވެރިވެއުޅޭ ރާއްޖެތެރެއަށް ނިސްބަތްވާ ޢާއިލާތަކަށް ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ، ވަރަށް ބޮޑަށް އިހާނެތިވެ، ނަސްލީގޮތުން ތަފާތުކޮށް، އެ ފަރާތްތަކާ ދޭތެރޭގައި ވަރަށް ދަށުދަރަޖައެއްގައި ޢަމަލުކޮށްފައެވެ. 

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 138 ވަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.

(ހ)

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.