މިހާރު ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރެޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާންޖެހޭ ގަރާޖް ހުއްދަ (ގަރާޖުގެ ވެރިފަރާތުގެ ޢިއުތިރާޒެއް ނެތްކަމުގެ ސިޓީ)، ޓެކްސީ ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާން ހުށަހަޅަން ނުޖެހޭގޮތަށް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ބަދަލުގެނެސްފިއެވެ. 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި ބުނެފައިވަނީ، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު ދުއްވާ އުޅަނދުފަހަރު ރެޖިސްޓްރީ ކޮށްދެވޭނީ، ގަޖާރުގެ ވެރިފަރާތުގެ އިއުތިރާޒް ނެތްކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ. ނަމަވެސް، ޚާއްސައެހީއަށް ބޭނުންކުރުމަށް ޚާއްސަކޮށްފައިވާ އުޅަނދުތަކާއި، ޢާންމު ދަތުރުފަތުރުގައި ޓެކްސީ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރާ އުޅަނދު ނުހިމެނޭ ކަމަށެވެ. 

އެގޮތުން، ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނީ، 10،000 ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދީގެން ކަމަށާއި، އަދި ވަގުތީ ގޮތުން އެފަދަ އުޅަނދެއް ރަޖިސްޓްރީ ކުރާނަމަ 15،000 ރުފިޔާ ދައްކާން ޖެހޭނޭ ކަމަށެވެ. 

ސަރުކާރުން ދަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ދައުލަތަށް އެކި ފަރާތްތަކުން ދައްކާން ޖެހޭ ޖޫރިމަނާ މާފުކުރުމާއި، ކުއްލިއަކަށް މިފަދަ ގަވާޢިދުތައް ބަދަލުކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މާލެ ސިޓީގައި 4 ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރުމަށް ގަރާޖް ސިޓީއެއް ވިއްކަނީ 50،000ރ އާ 75،000ރ އާ ދެމެދުގެ އަގެއްގައެވެ. ޤަވާޢިދާ ޚިލާފަށް އެއް ގަރާޖެއްގައި އެތަކެއް ސަތޭކަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކަށް މިކަން ހައްލުކުރެވިފައެއް ނުވެއެވެ.