ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، މީޑިއާތަކުން އެންމެ ކަންބޮޑުވީ އޭރު، "މީޑިއާތައް ފިއްތާލަން" ހެދި "އަބުރުގެ ޤާނޫނު"އާ ހެދިއެވެ. އެހެނީ، އެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް ކަަމަށްވާ ރާއްޖެޓީވީ ދެފަހަރެއްގެ މަތީން ޖޫރިމަނާކުރިއެވެ. "ޢަބުރުފުޅު ފަންޑު" ހުޅުވައިގެން 2 މިލިއަނެއްހާ ރުފިޔާ ދައްކާން ޖެއްސިއެވެ. އެހެންކަމުން އޭރު މިނިވަންކަންމަތީ ލިޔަމުން އައި މީޑިއާތަކުން ސިފަކުރީ އެއީ "ޢަބުރުފުޅު ގާނޫނު"ގެ ގޮތުގައެވެ. 2018ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލީއިރު، މީޑިއާތަކުން އެންމެ ކަންބޮޑުވުމާއެކު ހެސްކިޔާފައި ދައްކަމުން ގެންދިޔަވާހަކައެވެ. ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ބޭނުންކުރި ވަރުގަދަ އެއް ހަތިޔާރަކީވެސް އެއީއެވެ. އެންމެ ފަހުން އެ ފޯރީގެ ތެރޭގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދަކަށް، އެއްކަލަ "ޢަބުރުފުޅު ޤާނޫނު" އުވާލުން ހެއްދެވިއެވެ. އެއީ މީޑިއާ އޭރު މިނިވަންކަމާއެކު ކުރި މަސައްކަތުގެ ނަތީޖާއެވެ. މިހާރުވެސް އޮތީ ހަމަ އެއްކަލަ ހާލަތެވެ. ރާއްޖޭގެ ސިޔާސީ އޮއިވަރާއި ރައްޔިތުންގެ ވިސްނުން ހުރިގޮތުން، މާދަމާވެސް ވެރިކަން ބަދަލު ނުވާނެއެކޭ ބުނެވޭކަށް ނެތެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ. ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ފުރަތަމަ ބުރުގެ ނިމުނު އިރު، ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް އިންތިޚާބުގެ ފުރަތަމަ ބުރުން ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކު އެއްވަނަ ހޯއްދެވީ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ފިކުރު ކަމަށްވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. ވޯޓުލީ މީހުންގެ 46 އިންސައްތަ ތާޢީދު އޭނާއަށް ލިބިވަޑައިގަތެވެ. ދައުލަތުގެ ހުރިހާ ބާރުތަކެއް އޮވެ، ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށް، 5 އަހަރު ދުވަހުގެ ވަރުގަދަ ކެމްޕޭނެއް ޖެއްސި ނަމަވެސް، ސަރުކާރު ހިންގާ އެމްޑީޕީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ، 86،000 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތަ ވޯޓެވެ. މިއީ ވެރިކަމުގައި ހުންނެވި ބޭފުޅަކު ރިޔާސީ އިންތިޚާބެއްގައި ނިސްބަތުން މިހާތަނަށް ހޯއްދެވި އެންމެ ދަށް ނަތީޖާއެވެ. މިނަތީޖާ ބުނެދެނީ، ރައްޔިތުން ކޮންމެވެސް އެއްޗެއް ބުނެދޭން އުޅޭކަމެވެ. ނަމަވެސް ގައުމުގައި މިވަގުތު މީޑިއާގެ މިނިވަންކަން އޮތްލެއް ފުޅާކަމުން މީޑީއާތަކުން މިފަދަ ކަންކަމާ އެހާބޮޑު ސަމާލުކަމެއް ނުދެއޭ ބުންޏަސް ރަނގަޅުވާނެއެވެ.  

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރަށް ކެމްޕޭނުގެ ފޯރި މިވަނީ އަނެއްކާވެސް ގަދަވެފައެވެ. ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނަށް ނުވެވި ހުރި ވަޢުދުތައް ދެވަނަ ބުރުގައި ވަމުން އެބަދެއެވެ. މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ފުރާލާފައި ވަނީ، ކެންޑިޑޭޓުންގެ ވައުދުތަކާއި މެނިފެސްޓޯގެ ނުކުތާތައް ހިމެނިފައިވާ ބެނާތަކުންނެވެ. ދެވަނަ ދައުރަކަށް ފަލިޖައްސަވާއިރު ރައީސް ޞާލިހު ފުއްދަވާދެއްވި ވަޢުދުތަކާއި އަދި ކުރިއަށް ހުރި ވަޢުދުތަކުގެ ވާހަކަ ހުއްޓެވެ. ބެނާތަކުގައި ރަނގަޅު ވާހަކަ އެބަހުއްޓެވެ. ތެދު ވާހަކަތައް އެބަހުއްޓެވެ. ރައީސް ޞާލިހު ފުއްދަވައި ދެއްވި ވައުދު ތަކުގެ ވާހަކަ އެބަހުއްޓެވެ. މީގެ ތެރޭން ނޫސްވެރީންގެ ލޮލުގައި އަޅައިގަންނަ އެއް ބެނާއެއް ހުރެއެވެ. ރީނދޫ ކުލައިގެ އެ ބެނާގައި ލިޔެފައި ވަނީ "އަބުރުފުޅު ގާނޫނު އުވަލައިފި" މިހެންނެވެ. 

ތެދެކެވެ. ރައީސް ޔާމީންގެ ސަރުކާރުން އޭރު ތަސްދީގުކުރި، "އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ވަނީ 14 ނޮވެމްބަރު 2018ގައި އުވާލައިފައެވެ. އެހެން ނަމަވެސް، އެ ގާނޫނުގެ ބަދަލުގައި ރައީސް ޞާލިޙުގެ ސަރުކާރުން ގެނައީ، ނޫސްވެރީންގެ ބަހުންނަމަ "މާ ނުރައްކާތެރި" ޤާނޫނެވެ. އެއީ "މަސްދަރު ޤާނޫނު"އެވެ. ނުވަތަ ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް (މަސްދަރު) ހާމަކުރުން ލާޒިމުކުރާ ގޮތަށް "ހެއްކާ ބެހޭ ޤާނޫނު"ގެ 136 ވަނަ މާއްދާއަށް ގެނައި ބަދަލެވެ. ނޫސްވެރީން ސިފަކުރަނީ، ހެއްކާބެހޭ ޤާނޫނު މިގޮތަށް އޮތުމަކީ، "ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިފައިވާ ހާލަތެއް"ގެ ގޮތުގައެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށެވެ. ނޫސްވެރިޔާ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށެވެ. ޖިނާއީ މައްސަލައެއްގެ ތަހުގީގުގައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުވާ މީހާއަށްވެސް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެދި ކޯޓަށް ހުށަހެޅޭގޮތަށެވެ.

18 ޖެނުއަރީ 2023ގައި ޢަމަލުކުރާން ފަށާގޮތަށް ޖުލައި 2022ގައި ރައީސް ޞާލިޙު ތައްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނާ ގުޅޭގޮތުން، އޭރު ރާއްޖޭގެ ނޫސްވެރީން ވަނީ ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖުތައް ބާއްވައިފައެވެ. ގާނޫނު އިސްލާހު ނުކޮށް ތަސްދީގު ނުކުރެއްވުމަށް އެދި 158 ނޫސްވެރީން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅިއެވެ. އެކި ފަހަރުމަތީން އިޙްތިޖާޖުތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި ރައީސް ވަނީ އެ ގާނޫނު އޮތްގޮތަށް ތަސްދީގުކުރައްވައިފައެވެ.

މިއާ ގުޅިގެން ރާއްޖޭގެ ނޫސްވެރީންނާއި، ނޫސްވެރީންގެ ޖަމިއްޔާ، އެމްޖޭއޭއާއި، އަދި މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިގެން، "މަސްދަރު ޤާނޫނަށް" އިސްލާހުތަކެއްވެސް ހުށަހެޅިއެވެ. އަދި ތަފާތު ޕްރެޝަރުތަކާހުރެ، އެންމެ ފަހުން ސަރުކާރުން އެ އިސްލާހުތައް މަޖިލީހަށް ފޮނުވިއެވެ. އެއަށް އިސްލާހުތަކެއްވެސް ގެނައި ކަމަށް ވެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް އެ އިސްލާހުތައް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކޮންމެވެސް ތަނެއްގައި ތާށިވެފައެވެ. މީޑިއާތަކުގެ ސީނިއަރ ފަރާތްތަކުން ބުނަނީ މިކަމަށް ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ފެންނަނީ މާޔޫސްކަމެވެ. ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ހިސާބަކީ މިއީއެވެ.

136 ވަނަ މާއްދާ - ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުނުކުރުން

(ހ)

ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެއެވެ.

(ށ)

މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ށަރީއަތުން އަމުރުކުރެވިދާނެއެވެ އެގޮތުން، މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. 

1- ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން؛

2- ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްކަމެއްކަން؛

3- ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއްކަމަށް އެ ހާލަތުވާކަން؛

4- ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން؛

5- ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން؛

6- ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާއަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައިނުވާކަން؛

7- ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެންނުވާ މައުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން؛

8- ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގްސަދުގައި ނޫންކަން.

(ނ)

މި މާއްދާގެ (ށ) ގައިވާ ކަންކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޝަރީއަތުން ރިއާޔަތްކުރަންވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުންހުރި ކަންކަމަށެވެ.

ނޫސްވެރީންގެ ހުށަހެޅުން

ނޫސްވެރީންގެ ކަންބޮޑުވުންތައް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ކަމާ ގުޅުންހުރި ދާއިރާތަކާ ހިއްސާކޮށްފައެވެ. އެގޮތުން، "ގައުމީ ސަލާމަތުގެ ކުށް" މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހު ކުރަން ދެކޮޅުކަމަށް އޭޖީއަށްވެސް ވަނީ ދަންނަވައިފައެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ޤާނޫނުގައި ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުށަހަޅާފައި ވަނީ، 136 ވަނަ މާއްދާ އެއްކޮށް އުނިކޮށް ޤާނޫނު އިސްލާހުކުރުމަށެވެ. ސަބަބަކީ، މި މާއްދާގައި މިހާރު ހިމަނާފައިވާ ގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި، ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާ ލިބޭ ފަރާތުން ބޭނުން ނަމަ، މަސްދަރު ހާމަކުރާން މަޖުބޫރުކުރެވޭގޮތަށް އޮތުމެވެ. 

އެހެން ނޫނީ، ދެން ހަދާންވީގޮތެއް ކަމަށް އެމްއެމްސީން ހުށަހެޅީ، ޕްރޮސިކިއުޓަ ޖެނެރަލް ނުވަތަ ދައުވާ ލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި ޢާއްމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަން ޖެހޭ މަޢުލޫމާތަށް ވާތީ ހަމައެކަނި ތަހުގީގީ އިދާރާއިން އެދުމުން އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެ ގޮތަށް ހިމެނުމަށެވެ.

އެމްޖޭއޭ

އެމްޖޭއޭއިން ހުށަހަޅާފައި ވަނީ، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމަށެވެ. ތުހުމަތުކުރެވޭ މީހާއަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިސްލާހުގެނައުމަށެވެ. އަދި "ޤައުމީ ސަލާމަތް" އެއްކޮށް އުނިކުރުމަށެވެ. ނުވަތަ، ގައުމީ ސަލާމަތަށް ނުރައްކާވާ ކުށްތަކަކީ ކޮބައިކަން ސާފުކޮށް ބުނެދީ، ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރި ހަރަކާތްތައް އިސްތިސްނާކުރުމަށެވެ. އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، "ކުއްލި ބޮޑު ނުރައްކަލެއް" އޮތް ހާލަތެއްގައި މެނުވީ މަސްދަރު ހާމަކުރާން ނުޖެހޭގޮތަށް ހިމެނުމަށެވެ. 

ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް މިއީ ނޫސްވެރީންގެ ކަންބޮޑުވުން ފެށުނު ހިސާބެވެ. އެހެނީ، އެއިރެއްގައި އޮންނަ ސަރުކާރަކުން އެންމެ ފަސޭހައިން ނޫސްވެރީންނާއި ނޫސްތައް މަޅިއަޅުވާ އެއްކަމަކީ، ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއްގެ ތުހުމަތު އެޅުވުމެވެ. މިހާލަތު މެދުވެރިކޮށްލަން ސަލާމަތީ ބާރުތަކުގެ ނާޖާއިޒު ފައިދާ ސިޔާސީ ފަރާތްތަކުން ނުނަގައި ތިބޭނެހެއްޔެވެ. ޝަރުޢީ ނިޒާމު ބައްޓަންވެފައި އޮތްލެއް ފުރިހަމަކަމާއި، ފަނޑިޔާރުންގެ ނަޒާހަތްތެރިކަންވެސް އެންމެ ރަނގަޅަށް އެނގޭނީ ނޫސްވެރީންނަށެވެ. އަދި އެއާއެކު ތަހުގީގީ މަރުހާލާއަށް ނޫސްވެރިޔާ ގެންގޮސް، ކޯޓު މަރުހަލާގައި މިކަން ކޮށްލާން 24 ގަޑިއިރުވެސް ބޭނުން ނުވާނެ ނޫން ހެއްޔެވެ. 

ރައީސް ޞާލިހުގެ 5 އަހަރުގެ ވެރިކަމުގެ ދައުރެއް ނިންމަވާ އެލައްވަނީ، މީޑިއާއާ ގުޅުންހުރި މިފަދަ ނުރައްކާތެރި ގާނޫނުތަކެއް މަޖިލީހުގެ ތެރޭގައި ބަހައްޓަވައިގެންނެވެ. "މަސްދަރު ގާނޫނު"ގެ އިތުރުން ޚިޔާލުފާޅުކުރުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަންވެސް ވަނީ، ހަމަ މަޖިލީހުގައި ކަސްތޮޅުއެޅުވިފައެވެ. ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރި ނަމަ، މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮވެމެ، މިއިން އެއްވެސް ކަމެއް ނުކޮށް މިހާތަނަށް އޮތީ ކީއްވެބާއެވެ. ހަމަ ޔަގީނުންވެސް، މިފަދަ ޤާނޫނުތައް އިސްލާހުކުރާން، މިވަގުތު ސަރުކާރަށް އުނދަގުލެއް ނުވާނެއެވެ. އަދި މަޖިލީހުގެ އެހެން މެންބަރުންވެސް މިކަމަށް ހުރަހެއްވެސް ނާޅާނެއެވެ. އެހެނީ، އިދިކޮޅަށް ވެސް ބޭނުންވާނީ، މިހާރު އޮތްގޮތް ބަދަލުކުރުން ކަމަށް ވާތީއެވެ. އެއީ މިވަގުތު މީގެ ނާޖާއިޒު ފައިދާ އެންމެ ބޮޑަށް ނެގޭނީ ސަރުކާރަށް ކަމަށްވާތީއެވެ.

ބޮޑެތި މީޑިއާތައް މިހާރު ކޮބައިހެއްޔެވެ. އެމްއެމްސީއާއި އެމްޖޭއޭ ކޮބައިހެއްޔެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރަކީ، ބަދަލުތަކަށް ގޮވައިލާން އެންމެ ފަހި ދުވަސްވަރެވެ. އެންމެ އެކަށޭނަ ދުވަސްވަރުވެސް މެއެވެ. ސިޔާސީ ފަރާތްތަކުން ކަންކަން އެންމެ ސީރިއަސްކޮށް ނަގާނޭ ދުވަސްވަރެވެ. މިކަންކަން މީޑިއާތަކަށާއި ނޫސްވެރީންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ރައީސް ވިދާޅުވާގޮތުންނަމަ މީޑިއާގެ މިނިވަންކަން މިހާރު ވަނީ އިންތިހާއަށް ދީފައެވެ. އެކަމަކު ބައިނަލްއަގްވާމީ ރޭންކިންގައި ރާއްޖޭގެ މީޑިއާގެ ހާލަތު ދައްކަނީ ވެއްޓެމުންދާތަނެވެ. ދައުރު ނިމިގެން ދާއިރު، ޤާނޫނުތައް އިސްލާހު ނުކޮށް ހުރުމަކީ އިޙްލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތްކަމުގެ ހެއްކެކެވެ. އެހެނަސް މިކަމުގައި މީޑިއާއިން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތްހެނެއްވެސް ހިޔެއް ނުވެއެވެ. މިކަހަލަ ވާހަކައެއް ލިޔެލާނޭ ބަޔަކުވެސް ނުވެއެވެ. އިޙްތިޖާޖެއް ކޮށްލާނޭ ބަޔަކު ނެތެވެ. އެންމެ ކުޑަމިނުން އަވަސްކޮށްދޭށޭ ކިޔާފައި ބަޔާންގަނޑެއް ނެރެލާނެ ފަރާތެއްވެސް ނެތެވެ. ތިމާމެންނަށް ރައްކާތެރިކަން ގެރެންޓީކޮށްގެން ތިބިކަހަލައެވެ. ނޫނީ، ހަނގުރާމައިގެ މައިދާނުގައި ހަތިޔާރު ކޮނޑަށްލައިގެން، ދުޝްމަނުންނަށް އަމާންދީގެން ތިބޭ ފަދައެވެ. އެނޫނީ، ދުޝްމަނުންނާ "ޑީލެއް ހަދައި"، އޭގެ މަންފާގައި ތިބެނީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ.