ޤާނޫނުއަސާސީއާ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް، ވޯޓު ހޯދުމުގެ ބޭނުމުގައި މާލޭގެ އަގުބޮޑު ބިންތައް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކަނޑައެޅި ވަކިބަޔަކަށް ބަހާލުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ރައީސް އިބްރާހީމަށް ލިބުނު ދަށް ނަތީޖާއާ ގުޅިންގެ ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި، މާލޭގެ ރައްޔިތުންނަކީ ޝުކުރުވެރި ނުވާބައެއް ކަމަށް ދިފާޢީ ވަޒީރު، އަދި ރައީސް އިބްރާހީމްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާޙީމްގެ ސަރުކާރުން ވަނީ، ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި، ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި، ލާމަރުކަޒީ ގާނޫނުގެ 141 ވަނަ މާއްދާގައި ބުނެފައިވާ ގޮތާ ކަނޑައެޅިންގެ ޚިލާފަށް އުސޫލުތަކެއް ހަދައި، މާލޭގެ ވަޒަންވެރީންނަކީ ވަކިބައެއްގޮތަށް މާނަކޮށް، މާލޭ ސަރަހައްދުން 9000އަށް ވުރެ ގިނަ ގޯތި ދޫކޮށްފައެވެ. 

މާރިޔާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ ޝުކުރުވެރިވާންވެސް ދަންނަ ބައެއް ނޫންކަމަށެވެ. އެގޮތުން ވޯޓުދޭނީ ގޯތި ދިނީމައޭ ބުނުމުން، އެކަން ކޮށްދިނުމުންވެސް އަނެއްކާ، ތިމަންނަ ހިތުލީތަނަކުން ނޫނޭ ގޯތި ލިބުނީ ބުނެ ޝަކުވާ ކުރަމުންދާ ކަމަށެވެ. 

"މާލޭގެ ބޭފުޅުން ޝުކުރުވެރި ނުވާންވެގެން، މިވާހަކަ ދައްކާ ގޭގަ މިއަށް ހައްލެއް ހޯދައި ދިނީމައޭ ވޯޓު ލާނީ ނުކުންނާނީ ކިޔައިގެން ވާހަކަ،" ދެއްކިކަމަށް އެކަމަނާ ވިދާޅުވިއެވެ. 

އަދި ގޯތި ދިނުމުން، "ތިމަންނަ ހިތުލީ ތަނަކުން ނޫނޭ ތިމަންނަ ގޯތި މިއޮތީކީ. ގުރުއަތޭ ލީ. ތިމަންނަ ބޭނުން ދިމާލަކުން ނޫނޭ ތިމަންނަ ގެ އޮތީކީ. ތިމަންނައަށް ތަރިކަ މުދާހެން ދޫކޮށްލާން ޖެހޭތީ، ތަންކޮޅެއް ނެތޭ މިވެނިއެއްޗެއް،" ކިޔަމުން ދާކަމަށް ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި އެކަމަނާ ވިދާޅުވިއެވެ. 

ޤާނޫނުއަސާސީއަށް އިޙްތިރާމެއް ނުކުރި:

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 141 ވަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.

(ހ)

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.

ރިޔާސީ އިންތިޚާބާ ގުޅިގެން ގޯތި ދޫކޮށްފައިވާތީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންވެސް މިހާރު އަންނަނީ މި މައްސަލަ ބަލައި ތަހުގީގުކުރަމުންނެވެ.