30 ސެޕްޓެމްބަރވާ ހޮނިހިރު ދުވަހު އޮންނަ، ރިއާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާއި އެކު ކޯލިޝަން ހައްދަވާނެތޯ ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހު، ޤާސިމްގެ ވިލާ ޕާރކް (ސަން އައިލޭންޑް) ރިސޯރޓަށް، ބޮޑު ވަފުދަކާއިއެކު ވަޑައިގެން، ޤާސިމްގެ އާނ ބަސް ލިބިވަޑައިނުގަންނަވަނީސް އެރަށުން ފައިބައިވަޑައި ނުގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށް ފެނެއެވެ. މެތުރި މީހަކު މެތުރި އެއްޗެއް ހިއްޕަވައިގެން ވިލާ ޕާރކަށް ވަޑައިގެން ރައީސް ސޯލިހު އެންމެ މިލިއަނެއްހާ ޑޮލަރު ހުށަހަޅުއްވައިގެން ޤާސިމް ގުޑައެއް ނުލާނެއެވެ. ދެތިން ފަޅާއި، ދެތިން ފަޅު ރަށާއި ހައެއްކަ މިނިސްޓްރީއާއި ސަރުކާރުގެ ބޮޑު ހިއްސާއެއް ހުށަހަޅައިގެން ވެސް ޤާސިމް އަތުއަޅުވައި ލެއްވޭތޯ މިސަރުކާރާއި އިންޑިއާއިން ބޭނުންވާނެއެވެ.

ސުވާލަކީ އިންތިޙާބުގެ ފުރަތަަމަ ބުރުން ޤާސިމަށް ލިބިވަޑައިގަތް ފަސް ހާސް ވަރަކަށް ވޯޓު، އިބޫއާއި އެކު ޤާސިމް ކޯލިޝަން ހެއްދެވުމުން، އިބޫއަށް އެ 5000 ވަރަކަށް ވޯޓު ލިބިވަޑައިގަންނަވާނެތޯއެވެ. ޤާސިމް އަރިހުގައި އިސްކޮށް ތިއްބެވި ބައެއް އެޑްވައިޒަރުންނާއި ޖުމްހޫރީ ޕާރޓީގެ ކައުންސިލްގެ ގިނަ މެމްބަރުންވެސް، ޤާސިމް އިބޫކޮޅަށް އަރާވަޑައިގެންނެވިއަސް އިބޫއަށް ވޯޓު ދޭނެ ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން ޤާސިމް އިބޫއާއި ގުޅިވަޑައިގަތަސް އިބޫއަށް އިތުރަށް ލިބިވަޑައިގަންނަވާނީ ގިނަވެެގެން ދެހާހެއްހާ ވޯޓެވެ. ދިވެހި ރައްޔިތުންގެ ފައިސާއާއި މުދަލުން ޤާސިމަށް އެތައް މިލިއަނެއް ދީގެން އެންމެ ދެހާހެއްހާ ވޯޓު ހޯއްދަވަން ޤާސިމާއި އެކު ކޯލިޝަން ހައްދަވަން ރައީސް ސޯލިހު އެވަރަކުން އެއުޅުއްވާ ސަބަބު އެންމެ ރަނގަޅަށް ކިޔައިދިނީ މަޖުލިސް މެމްބަރ އަބްދުﷲ ޖާބިރެވެ. ޖާބިރު ބުނި ގޮތުގައި ޤަސިމާއި ގުޅުމުން ދެވަނަ ބުރުގައި އެމްޑީޕީއަށް މާގިނަ ވޯޓުތަކެއް އިތުރު ނުވިއަސް އެކަން ވާނީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށެވެ. ތެދެކެވެ. އިމްރާނާއި ސަން ޝިޔާމް ފިޔަވައި ގުޅޭނެ އެހެން އެއްވެސް މީހަކު ނުވެގެން އުޅުއްވާ އިބޫ ސޯލިހުގެ ގްރޫޕަށް ކޮންމެވެސް މީހަކު އިތުރު ކުރަން އެބަޖެހެއެވެ! އިބޫއަށް ތާއިދު އޮތްކަން އިންޑިއާއަށް ދައްކާށެވެ.

މިނިވަން ނޫހުން މިއަދު ރިޕޯރޓް ކުރި ގޮތުގައި ރައީސް ސޯލިހު ކޮޅަށް ޤާސިމް އަރާވަޑައިގަތުމުުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް މިނިވަން ނޫހަކީ ރައީސް ސޯލިހަށް ތާއިދު ކުރާ، ވަކި ކޮޅަކަށް ޖެހިފައިވާ ނޫހަކަށް ވުމުން މިޚަބަރުގެ ސައްޙަކަން ކަށަވަރު ކުރަން ދައްޗެވެ. ކޮންމެ ގޮތެއް ވިއަސް ރައީސް ސޯލިހު ކޮޅަށް ޤާސިމް އަރާވަޑައިގެންފި ނަމަ ޤާސިމްގެ ސިޔާސީ ހަޔާތް، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ނިމުނީ ކަމަށް ބަލަން ޖެހެއެވެ. ޤާސިމްގެ ސިޔާސީ ލެގަސީ ވެސް އެހިސާބުން ކިލަނބުވާނެއެވެ.

އިންޑިއާއަށް ޤައުމު އަޅުވެތިކޮށް، މިސަރުކާރުގެ ސަބަބުން ރައްޔިތުން ބިކަވެފައިވާ ކަމަށް ޤާސިމް އިހަކަށް ދުވަހު، ކެމްޕެއިންގައި ވިދާޅުވެ، އެކަމަށް ﷲ ހެކިކޮށް ވާހަކަ ދެއްކެވި އަޑު ދިވެހީން އެއްސެވެ. ދެން ނިކުމެވަޑައިގެން އަނެއްކާ ރައީސް ސޯލިހަށް ބައިއަތު ހިއްޕަވައިފި ނަމަ ޤާސިމް ދިވެހި ރައްޔިތުންނަށް ދައްކަވާނީ ކޮން މޫނެއް ބާވައެވެ؟ ދެމޫނުގެ ވެރިއަކަށް ވެވަޑައިގަންނަވާނީ ތޯއެވެ؟

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގައި ޖުމްހޫރީ ޕާރޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ޤާސިމް އިބްރާހިމް އެންމެ ގަދައަށް ދެއްކެވީ އިންޑިއާގެ ނުފޫޒު މިޤައުމުގައި ހައްދުން ނެއްޓިފައިވާ މިންވަރާއި، އިންޑިއާ ސިފައިން މިޤައުމުގައި ތިބުމުން މިޤައުމުގެ ސަލާމަތަށް ނުރައްކާ ވެފައިވާ ވާހަކައާއި، ކޮންމެ ގޮތެއް ހަދާފައި ވެސް މިސަރުކާރު ބަދަލު ކުރަން ޖެހޭ ވާހަކައެވެ. މިހުރިހާ ވާހަކައެއް ދެއްކެވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ޤާސިމް އަރާވަޑައިގަންނަވާނެ ކަމަށް ބުއްދި ޤަބޫލު ކުރަން ދައްޗެވެ. ސިޔާސީ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. މިއަދުގެ އަދާވާތްތެރިޔާ މާދަމާ ބެސްޓް ފްރެންޑަށް ވެސް ވެދެއެވެ. އެހެން ކަމުން ޤާސިމް އިބޫ ކޮޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ސީދާ ދަންނަވަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ޤާސިމް އިބޫ ކޮޅަށް އަރާވަޑައިގަތުމަކީ ހަމަގައިމުވެސް ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ދޯކާ ދެއްވުން ނޫންކަމަކަށް ނުވާނެއެވެ. އެފަދަ ކަމެއް ވެގެންދާނީ ދިވެހި ރައްޔިތުން އޮޅުވާލުމަށް ފަހު، އަމިއްލަ އެދުމަށް ދިވެހި ރައްޔިތުންގެ ބުރަކައްޓަށް ހަންޖަރެއް ޖެހުން ފަދަ ކަމަކަށެވެ.

އިބޫ ސޯލިހު ސަން އައިލޭންޑް ރިސޯރޓުން ފައިބައި ވަޑައިގަތަސް ނުވަތަ ފައިބައިވަޑައި ނުގަތަސް، ޤާސިމް އިބްރާހިމް އެންމެ ފަހުގެ އިޙްލާސްތެރިކަން ދައްކަވަން ޖެހެނީ އިބޫ އަކަށް ނޫނެވެ. ދިވެހި ޤައުމަށެވެ. މިޤައުމުގެ ރައްޔިތުންނަށެވެ. ސަބަބަކީ ޤާސިމް ވިޔަފާރި ކުރައްވައި، ޤާސިމް ޤާސިމަކަށްވީ މިފަސްގަނޑުގައި، މިޤައުމުގެ ރައްޔިތުން ލައިގެން ކަމަށް ވެފައި، އަމިއްލަ ޤައުމަށާއި ރައްޔިތުންނަށް ވުރެ ސިޔާސީ މިތުރަކު އިސްކުރުން ވެގެންދާނީ އަމިއްލަ އެދުން އިސްކުރުމަށް ކަމުގައި ވާނެތީއެވެ.

ރައްޔިތުން ތިބީ ޤާސިމް ހައްދަވާ އެއްޗެއް ބަލާށެވެ. ޤާސިމް އިބޫއާއި ގުޅިވަޑައިގަތަސް އިބޫއަށް މިއިންތިހާބު ނެންގެވުން ވާނީ ނާދިރު ކަމަކަށެވެ. އެހެން ކަމުން ފެތެމުންދާ އޮޑިއަކަށް އަރާވަޑައިގަންނަވާނީ ތޯ ނުވަތަ ރައްޔިތުންގެ އޮޑިއަށް އަރާވަޑައިގަންނަވާނީ ތޯ، ގޮތް ނިންމަވާނީ ޤާސިމެވެ. ކޮންމެ ގޮތަކަށް ޤާސިމް ނިންމެވިއަސް މިފަހަރަކީ އިންޝާﷲ ދިވެހި ރައްޔިތުންގެ ފަހަރެވެ. ކަން ނިމޭ އިރު ޤާސިމް ހުންވާނީ ކޮން ކޮޅެއްގައިތޯ ނިންމަވާނީ ޤާސިމެވެ.