މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޓީމަށް " ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ." ކަމަށް މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު، އަދި އެމްޑީޕީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވިތާ މާކަ ގިނަ އިރެއް ނުވެ، ރައީސް އިބްރާހިމް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި މިއަދު ގޮތް ނޭނގޭ ފަރާތަކުން ލީކުކޮށްލައިފިއެވެ.

ގައުމީ ސަލާމަތަށް އަސަރުކޮށްފާނޭތީ، ވަރަށް ބޮޑަށް ސިއްރުކޮށްގެން ސަރުކާރުން ގެންގުޅު ސިޓީ ލީކުވެފައި މިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާ ގުޅިފައިވަނީ، ކަނޑު ވިއްކާލި މައްސަލައާއި ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭކަމަށް އިދިކޮޅުން ދެއްކި ވާހަކަ ތަކުގެ ސަބަބުންނޭ ވިދާޅުތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ، ސޯޝަލް މީޑިއާއަށް ލީކުކޮށްލައިގެން އުޅޭ ސިޓީއަކީ ހަމަ ސައްޙަ ސިޓީއެއް ކަމަށާއި ސިޓީ ލީކުވާން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސިޓީގެ އަސްލު ރަސްމީކޮށް އަދިވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ލީކުވީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވާ، "ސައްޙަ ސިޓީ"ގައި ވާގޮތުން، މީގެ ކުރިން ރާއްޖޭން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ، މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް ސިޓީގައިވެއެވެ.

އަދި 2022 ވަނަ އަހަރުގެ ޖޫން 24ގައި ރުވާންޑާގައި އޮތް ކޮމަންވެލްތު ގައުމުތަކުގެ ވެރީންގެ ބައްދަލުވުމުގެ ހަވާސާގައި އެއްބަސްވެފައިވާ ފަދައިން، ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއިން އެދިފައިވާ ގޮތަށް އދގެ އާންމު މަޖިލީހުގައި ރާއްޖޭން ވޯޓުދެއްވާނޭކަމަށް ސިޓީގައި ރައީސް އިބްރާހީމް ވިދާޅުވެފައިވެއެވެ.

މިސިޓީގައި ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލާ ވާހަކަ ސާފުބަހުން ލިޔެފައި ނެތްނަމަވެސް، މި މައްސަލައިގައި ރާއްޖޭގެ ގާނޫނީ ތަޖްރިބާކާރުން ވިދާޅުވެފައި ވަނީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކަނޑު ބަހާން ނިންމި ނިންމުމުގައި ބުރަވެފައި ވަނީ، ޗާގޯސްއަކީ މޮރިޝަސްގެ ބާރު ނުހިނގާ ސަރަހައްދެއް ކަމަށް ރާއްޖެއިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ދައުވާ މިސިޓީގެ ސަބަބުން ދޫކޮށްލެވިފައިވާތީ ކަމަށެވެ.

ސަރުކާރުން ވަރަށް ބޮޑަށް ސިއްރުކޮށްގެން ގެންގުޅުނު ސިޓީ ކުއްލިއަކަށް ލީކުވެފައިވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، 30 ސެޕްޓެމްބަރ 2023ގައި ބާއްވާ ރިޔާސީ އިނތިޚާބުގެ ދެވަނަ ބުރުގެ ކުރީން، ރައީސް އިބްރާހީމްގެ ސަރުކާރުން އިންޑިއާއާއެކު އަޑިނޭނގޭ "ޑީލްތައް"ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރުން އެއްބަސްވުންތަކެއް ވެސް ލީކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މަދުވެގެން 57 އިންސައްތަ ވޯޓާއެކު ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް އިބްރާހީމަށް 5 އަހަރުގެ އިތުރު ދައުރެއް ކަށަވަރުކުރާނޭކަމުގެ 100 އިންސައްތަ ޔަގީންކަމާއެކު އެކު ސަރުކާރުން އިންތިޚާބާ ކުރިމަތިލީ ނަމަވެސް، ސަރުކާރު ކޯލިޝަނުން ޖެހި ހިސާބާ ދިމާ ދެކޮޅަށް ނަތީޖާ ނުކުތީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، ލައްކައަކަށް ވުރެ ގިނަރައްޔިތުންގެ ތާޢީދާއެކު 46 އިންސައްތަ، އަދި ރައީސް އިބްރާހީމަށް 39 އިންސަތަ ލިބިގެންނެވެ. މިއީ ވެރިކަމުގައި ހުންނަވައިގެން ވާދަކުރެއްވި ބޭފުޅަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި މިހާ ދަށް ނަތީޖާއެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

ރައީސް އިބްރާހީމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ ލީކުކޮށްލި ސިޓީ--

 

ރައީސް އިބްރާހީމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ ލީކުކޮށްލި ސިޓީ--