ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫންކަމަށް އެއްބަސްވެ، އެތަނުގެ މިލްކުވެރިކަން މޮރިޝަސްއަސް ދޫކޮށްލުމަށް ބާރުލިބޭގޮތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި "ސިއްރު" ސިޓީ ކުއްލިއަކަށް "ލީކު" ވެއްޖެއެވެ. ދިވެހި ރާއްޖޭގައި "އަސްކަރީ ބޭނުމަށް" އިންޑިއާ ސިަފއިން ނެތް ކަމަށް ދިވެހި ސިފައިންގެ ޖެނެރަލުން ލައްވާ މިރޭ ބުނުވައިފިއެވެ. އޭގެ މާނައަކީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތެކޭ ނޫނެވެ. ތިބި ބަޔަކު މިވަގުތު އަސްކަރީ ކަމެއް އަދި ނުކުރަނީތާއެވެ! ރައްޔިތުންނަށް އެވަރުވެސް ނޭގޭނެ ކަމަށް ތޯއެވެ؟ ލީކުވީ އަސްލު ސިޓީ ނަމަ ދެން ރަސްމީ ކޮށް އެސީޓީ ރައްޔިތުންނާ ހިއްސާ ކުރަންވީ ނޫންތޯއެވެ؟ މިއީ ހަމަ ފޭކް ސިޓީއެއްކަމަށް ޝައްކު ކުރުމުގެ ޖާގަ ވަރަށް ބޮޑެވެ. އިންތިޙާބުން ބަލިވާތީ ތެޅިފޮޅެނީއެވެ.

އިންތިޙާބުގެ ދެވަނަ ބުރު ކާމިޔާބު ވުމުގެ ކުޑަ ނަމަވެސް ފުރުސަތެއް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތީ ކުރިން ސިއްރު ކޮށްގެން އުޅުނު ސިޓީ ތަކާއި އެގްރީމެނޓުތައް "ލީކު" ކޮށްގެންނެވެ. ލީކުވަނީ އަސްލު ލިއުންތޯ ނުވަތަ ނޫންތޯ ބަލާކަށް ރައްޔިތުން މިހާރު ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ސިޓީ ތަކާއި އެގްރީމެންޓުތައް ރައްޔިތުންނާއި ހިއްސާ ކުރަންވީ ވަގުތު ފާއިތު ވެއްޖެއެވެ. ފިރުއައުނުވެސް ކަނޑަށް ޢަރަގުވާކަން ޔަޤީންވުމުން ޝަހާދަތް ކިޔޭތޯ އުޅުނެވެ. މިސަރުކާރުން ވެސް މިއުޅެނީ އެކަހަލަ ގޮތަކަށް ފަހުވަގުތު މަކަރު ހެދޭތޯއެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅުނީ މިސަރުކާރުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. މަޖުލިސް ރައީސް ކަމުން ނަޝީދު ވަކި ކުރެވޭތޯ މިސަރުކާރުން ލައްކަ މަސަައްކަތް ކުރިއެވެ. އެންމެ ފަހުން ޕާރޓީން ވެސް ނަޝީދު ބޭރުކޮށްލީއެވެ. ނަމަވެސް މިއަދު އިބޫ ސޯލިހަށް މިޖެހުނީ ނަޝީދު ފައިބުޑަށް އާދޭސް ކުރަން ދާށެވެ. "ނެއްލައިދޫ" އޭ ކިޔަން ޤާސިމަށް ނޭގުނު ކަމަށް ބުނެ އިބޫ ސޯލިހު ޤާސިމަށް މަލާމާތް ކުރުމަށް ފަހު މިއަދު މިޖެހުނީ ޤާސިމަށް ސަލާން ޖަހާށެވެ. ސަރުކާރު އަޑީގަ އޮވެގެން ރައީސް މައުމޫނުގެ ޕާރޓީ (އެމްއާރއެމް) އުވާލާފަ، ފާރިސް މައުމޫން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވަން މަޖުބޫރު ކުރުވާފަ މިއަދު ފާރިސް އަށް ކޯލިޝަނެއްގެ ދައުވަތު ދިނުމަކީ މިސަރުކާރުގެ ލަދު ކުޑަ ކަމުގެ އެތަކެއް ހެކި ތަކުގެ ތެރެއިން ކުޑަ ހެއްކެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ނުލާ ފަސްދޮޅަސް ހާސް ވަރަކަށް މީހުންނަކީ ރައީސް ސޯލިހުގެ ސަޕޯޓަރުން ކަމަށެވެ. އިބޫ އަށް ތާއިދު ކުރާ މީހަކު ހިނި ހޮރެއްގަ އޮތަސް ދަމާ ގެންގޮސް އެމީހަކު ލައްވާ ވޯޓު ލެއްވިއެވެ. އޮސްޓްރޭލިއާ ފަދަ ރާއްޖެއާ ދުރު ޤައުމުތަކުގައި ތިބި ސަޕޯޓަރުން ވެސް އެތައް ހާސް ޑޮލަރެއްގެ ޓިކެޓު ދީގެން ރާއްޖެ ގެނެސް އެމީހުން ލައްވާ ވޯޓު ލެއްވިއެވެ. ވީއިރު ރައީސް ސޯލިހަށް ވޯޓު ނުލާ، ރައީސް ގެ ސަޕޯޓަރުންގެ އަދަދު 60،000 އަށް އަރާނެ ގޮތަކީ ނެތް ގޮތެކެވެ. ހަޤީގަތަކީ، ވޯޓު ނުލާ 60،000 މީހުންނަކީ އަންޑިސައިޑެޑް ނުވަތަ ވަކި ކޮޅަކަށް ވޯޓުލާން ބޭނުން ނުވެފައި ތިބި މީހުންނެވެ. އެ 60،000 އަންޑިސައިޑެޑް ވޯޓު ލިބުމުގެ ފުރުސަތު ރައީސް ސޯލިހަށް ވުރެ ބޮޑީ ޑރ. މުއިއްޒަށެވެ. ސަބަބަކީ ވެރިކަމުގަ އޮތް ޕާރޓީ އަށް ކިރިޔާވެސް ތާއިދެއް އެމީހުންގެ ހިތްތަކުގައި އޮތް ނަމަ އެމީހުން ވޯޓު ލީސް ކަމެވެ.

މުޅި ޤައުމު އެލާރޓަށް ގެނެސް، ސިޓީ ތައް "ލީކް" ކޮށް، ސިފައިން ލައްވާ ޕްރޮޕެގެންޑާ އިންޓަރވިއުތައް ދީ، ރަތް ފޮތިގަނޑެއް ފެނިގެން ދުވާ ގިތެލެއްހެން މާރިޔާ އާއި އިބޫ ސޯލިހު އާއި ޝަމާލް މެން ދުވިއަކަސް ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. މިއީ އަކީ ޑރ. މުއިޒަކަށް ނުވަތަ ވަކި ޕާރޓީ އަކަށް ބުނާ ޙުޝާމަދުގެ ބަހެއް ނޫނެވެ. މިއީ ދިވެހީންގެ ދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ހައްޤުގައި ބުނާ އިހްލާސްތެރި ބަހެކެވެ. ތިރީސް ސެޕްޓެމްބަރު ގައި ދިވެހި ރައްޔިތުން ނިކުމެ އިބޫ ސޯލިހާއި އިންޑިއާ ލަދުގަންނަވަރުގެ ބައްޔަކުން ބަލިކުރަން ޖެހެއެވެ. މިސަރުކާރަކީ ދިވެހި ޤައުމަކަށް، ދިވެހި ރައްޔިތުންނަކަށް، އަދި ދިވެހީންގެ ދީނަކަށް ވެސް ހުރުމަތެއް ހުރި ބައެއް ނޫނެވެ. ދިވެހީންގެ ކުރިމަގު އުޖާލާ ވުމާއި ބަނަވުން އޮތީ 30 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. އެނިންމުމަށް އަސަރު ފޯރުވަން މިސަރުކާރުން، އިންޑިއާ އާއި ގުޅިގެން ހޭނާރާ ޖަހަމުން މިދާ މަރުފަލީގެ މަޅީގައި އެއްވެސް ރައްޔިތަކު ނުޖެހުމަށް އިލްތިމާސް ކުރަމެވެ.