ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މޖިލީހަށް ވެއްދުމަށް ފަހު، އެމައްސަލަ އަނބުރާ ނަގަން ނިންމީ ކީއްވެގެންކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ސުޕަރ މެޖީރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ޖޫންމަހު 54 މެންބަރުންގެ ސޮޔާއެކު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢާބްދުﷲގެ ވެސް އިތުބާރު ނެތްކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ވައްދައިފައެވެ. އަދި ބޮޑެތި ޑްރާމާތަކެއްގެ ތެރޭގައި މަޖިލިސް މަރުތަޅު އެޅުވުނީއޭ ކިޔައިގެން ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުގައި މުޙިއްމު ގިނަ މަސައްކަތް ތަކެއް ހުއްޓުވައިފައެވެ. 

ނަމަވެސް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގިނަ އަދަދެއްގެ ރައްޔިތުން ނޫނެކޭ ބުނެ، ދެވަނަ ބުރަކަށް ދާން ޖެހުނު ހިސާބުން، ސަރުކާރުގެ ފަރާތުން މިވަނީ، މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުގެ މައްސަލަ ކުއްލިއަކަށް އަނބުރާ ގެންގޮސްފައެވެ. މި ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ، ސަރުކާރަށް ވަރަށް ބޮޑު އިތުބާރެއްކޮށް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން އެތަނަކީ ކުޅޭކުޅޭ ތަނެއްގެ ގޮތުގައި އެމްޑީޕީން ހަދާފައިވާ ކަމަށް ބުނެ ފާޑު ކިޔައިފައެވެ. 

ޝިޔާމް ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީން ރައީސް ނަޝީދުގެ މައްޗަށް ތުހުމަތު ކުރި ކަންކަން ރަނގަޅުވީ ގޮތް ކިޔައިދޭން ޖެހޭކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބުރައީސް މަގާމުން ދުރުކުރާން އުޅުން އެއީ ސިޔާސީ ބޭނުމަކަށް ކުރާވަރު ކަމެއް ނޫން ކަމަށެވެ. 

"އެމްޑީޕީން ހުށަހެޅި މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. އެގި ވަޑައިގަންނަވާނެ ވަރަށް ބޮޑު ކަންތައްތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތުހުމަތުކޮށް އެމައްސަލަ އެބޭފުޅުން ހުށަހެޅުއްވީ. ދެން އަޅުގަނޑު ހިތަށް މިއަރަނީ މިހާރު ހުރިހާކަމެއް ރަނގަޅުވީ ބާވައޭ. ރަނގަޅުވެއްޖިއްޔާ ރަނގަޅުވިކަންވެސް އެބޭފުޅުން އެބަޖެހޭ ހާމަކުރައްވަން.،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "މިއީ ސިޔާސީ ބޭނުމަށް ކުރާވަރުގެ ކަންކަމެއް ނޫން މިހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސުން، ނައިބު ރައީސުން ވަކިކުރުމަކީ މާ ޒިންމާދާރުކަމާއެކު ކުރާން ޖެހޭ މަސައްކަތެއް،" ކަމަށެވެ. 

ރައްޔިތުން މިވަނީ އޭގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ހަގީގަތުގައި ނަގާފައި ކަމަށާއި، "38 އިންސައްތަ އިންކަމްބަންޓް ރައީސަކަށް ލިބުނީމަ" ރައްޔިތުން ބުނެފަ މިވަނީ "ރައީސުލްޖުމްހޫރިއްޔާއޭ ރައީސްކަންކުރެއްވި ގޮތް ކަމަކު ނުދެއޭ ތިމަންނަމެންނަކަށް. ރަނގަޅު ގޮތަކީ މިހާރު ދެވަނަ ބުރަކަށް ވެސް ވަޑައި ނުގެން އިސްތިއުފާ ދެއްވާށޭ، ރައީސް ޔާމީން މިނިވަން ކުރާށޭ،" ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

"އެއީ ނޫންތޯ ރައްޔިތުން މި ވިދާޅުވާ އެއްޗަކީ. ވެރިކަން ކުރިގޮތް ކަމަކު ނުދެއޭ، ދިވެހިރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައްވައިފިއޭ، މިކަންތަކާ ހުރެ ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތްތަކެއް ފެއްޓެވީ،" ޝިޔާމް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްސައްކަތްތަކެއް ކުރެއްވީ، "ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކު ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ކުރައްވާތީ،" ކަމަށެވެ. 

އަދި "އެމަސައްކަތުގެ ނަތީޖާއަކަށް ވީ އިތުބާރު ނެތްކަމުގެ މައްސަލަ، އެމްޑިޕީގެ މެޖޯރިޓީ އޮތަތީވެ މަޖިލީހާ ހިސާބަށް އައި އައުން،" ކަމަށާއި "މިހާރު އެ ވިދާޅުވަނީ މަޖިލީހުގެ ރައީސް ރަނގަޅޭ. އެހެން ވެއްޖެ ކަމަށް ވަންޏާ ކޮންމެވެސް އެކަކު އެބަ ގޯސްވޭތާ؟" އޭނާ ވިދާޅުވިއެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އެހެންވީމާ ގޯސްވީ ރައީސުލްޖުމްހޫރިއްޔާ ކަނޑު ވިއްކާލި ވިއްކާލުން އެއީ ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަަމެއް ކަމަށް އަމިއްލަ ފުޅަށް މިހާރު އެ އިޢުތިރާފް ވެވެނީ. އެހެންވީމާ އަޅުގަނޑު ދެކެނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިސްތިއުފާ ދޭން ޖެހޭކަމަށް" ކަމަށެވެ.